ސްރީލަންކާގެ ރައީސް ކަމުގެ މަގާމާ މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި ހަވާލުވެވަޑައިގެންނެވި ގޮތަބާޔާ ރާޖަޕަކްސަ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މަޑުޖައްސަވާ ލައްވާ، ވަގުތީ-ނުސީދާ ސަސްޕެންޝަންއަކަށް ފޮނުވާލައްވައިފިއެވެ.

މަޖިލިސް އުވާނުލައްވާ، ނުސީދާ ސަސްޕެޝަންއަކަށް ފޮނުވާލައްވާފައިވާއިރު، މަޖިލީހުގެ ދައުރެއް ދެން ފެށޭނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ތާވަލު ބުނާ ގޮތުން ނަމަ މިއަދަކީވެސް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަންޖެހޭ ދުވަހެކެވެ. ކަންމިހެން އޮތްއިރު، ނުސީދާ ސަސްޕެންޝަންއަކަށް މަޖިލީސް ފޮނުވާލެއްވުމަކީ ސްރީލަންކާގެ ގާނޫނުން އެގައުމުގެ ރައީސްއަކަށް ލިބިގެންވާ ބާރެކެވެ.

ސްރީލަންކާގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުގައި ގޮތަބާޔާގެ ޕާޓީއަށް، ސާފު އަގުލަބިއްޔަތު ލިބިފައި ނުވާއިރު، ވަގުތީ ސަސްޕެޝަންއަކަށް މަޖިލީސް ފޮނުވާލުމަކީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުންގެ ފާޑުވިދާޅުވުންތަކާ، އެ މެމްބަރުންގެ ތަކުލީފާ ނުލާ ވެރިކަން ހިންގެވުމުގެ ބާރު ގޮތަބާޔާއަށް ލިއްބައިދެނިވި ނިންމުމެއްވެސްމެއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރެއް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ފަށާއިރު، ގޮތަބާޔާގެ ރިޔާސީ ބަޔާން ދެއްވާނީ އެ ބައްދަލުވުމުގައި ކަމަށް ޚަބަރު ލިބެއެވެ.

ގޮތަބާޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް، ލޭގެ އަޚު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ހަމަޖައްސަވާފައިވާއިރު، އަންނަ އަހަރުގެ އޯގަސްޓް މަހު އެގައުމުގައި އޮންނަ އާންމު އިންތިހާބު ނިމެންދެން އެ ގައުމުގައި އޮންނަނީ ވަގުތީ ސަރުކާރެކެވެ.