އިންޑިއާގެ ވައިލްޑްލައިފް ސެންކްޗުއަރީއެއްގައި ގެންގުޅުނު ކުޑަ މިނިކާވަގެއް، 5 ވަރަކަށް މަސްދުވަހުގެ ތެރޭގައި 1300 ކިލޯމީޓަރަށް، 4 މޮއްގަނޑުގައި ދަތުރުކޮށްފައި ވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކަރުގައި ރޭޑިއޯ ޓްރެކާއެއް ހަރުކޮށްފައިވާ މި މިނިކާވަގު، އޭތީގެ ގެއިން ނިކުމެގެން، ދަނޑުބިންތަކާ، ފެންކޯރުތަކާ، ހައިވޭތައް ހުރަސްކޮށް އަވަށްޓެރި ސްޓޭޓަކަށް ދަތުރުކުރީ ކަނޑައެޅިގެން ކީއްވެކަން ބުނާކަށް އަދި ނޭނގެއެވެ.

އުމުރުން 2 އަހަރު ފުރި 3 އަހަރު ނުވާ މި މިނިކާވަގުތު އެހާ ދިގު ރާސްތާއަކަށް ހިނގާފައިވަނީ ޝިކާރަ ކުރަން ކަމެއް، ނުވަތަ އާ ގެއެއް ހޯދަން ކަމެއް ނުވަތަ ބައިވެރިޔަކު ހޯދަން ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

5 މަސްދުވަހުގެ ތެރޭގައި 807 މޭލަށް މި މިނިކާވަގު ދަތުރުކޮށްފައިވާއިރު، މިއީ އިނޑިއާގެ ރެކޯޑެކެވެ.

ޖޫން މަހުން ފެށިގެން މި މިނިކާވަގުގެ ހަރަކާތްތައް ޓްރެކް ކުރަމުންދާއިރު، އިންސާނުންނާ ކުރިމަތިލުމެއް ހިންގާފައިވަނީ 1 ފަހަރުއެވެ. އެއީ އޭތި ނިދާފައި އޮތް ތަނަކަށް ވަން ބަޔަކާ އެއެއްޗާ ދެމެދު ހިނގި ކުރިމަތިލުމެކެވެ. މި ކުރިމަތިލުމުގައި މިނިކާވަގަށް ނޭނގުމެއްގެ ތެރެއިން އިންސާނަކަށް ގޯނާ ކުރެވިފައިވާކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ މިނިކާވަގުގެ އާބާދީ ނެތިދިއުމުގެ ބިރު ހީވާ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ދޭއިރު، މިނިކާވަގުގެ އާބާދީގެ 70 ޕަސެންޓް ދިރިއުޅެނީ އިންޑިއާގައެވެ. މިނިކާވަގެއް ދުޅަހެޔޮކަން މަތީ ބަނޑުފުރާ މުއްތިކުރުމަށް، އޭތި ދިރިއުޅޭ ސަރަހައްދުގައި ޝިކާރަކުރެވޭ ވަރުގެ އެންމެ މަދުވެގެން 500 ޖަނަވާރު އުޅެންޖެހެއެވެ.