ޖަނަވާރުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ޒުވާން ޑޮކްޓަރު ޕްރިޔަންކާ ރެޑީ ރޭޕްކޮށް، އިހާނެތި ގޮތަކަށް މަރާ އަންދާލި ހާދިސާއާއި ގުޅިގެން އިންޑިއާގެ އާންމު މަސްރަހު ހަލަބޮލިވެފައިވާއިރު، މިފަދަ ހާދިސާއާއި ކުރިމަތި ނުވާނެ ފަދަ ގޮތަކަށް އަމިއްލަ މީހާގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރު ކުރުމަށް، ހާދިސާ ހިނގާދިޔަ ހައިދަރުއާބާދު ފުލުހުންގެ އިސްވެރިއަކު އެޑްވަރިޒަރީއެއް ނެރުއްވައިފިއެވެ.

ޕްރިޔަންކާ ރެޑީގެ ރޭޕްގެ މައްސަލާގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައިވެސް ހޫނު ބަހުސްތަކެއް ކުރަމުންދަނިކޮށް ހައިދަރުއާބާޑު ފުލުހުންގެ ސީޕީ އަންޖާނީ ކުމާރު އިއުލާންކުރެއްވި އެޑްވައިޒަރީ ބުނާގޮތުން، އަންހެނުންނާ އަންހެން ކުދިން ބޭރަށް ނިކުމެ އުޅޭއިރު އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު، ގާތް ރަހުމަތްތެރިންނާ އާއިލާގެ އެންމެ ގާތް މެމްބަރުންނަށް އަބަދުވެސް އަންގަމުން ދިއުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އެގޮތުން އެއްތަނުން އަނެއް ތަނަށް ގޮސް ހަދާއިރު އެންމެ ފަހުން ދިޔަ ތަނުގެ މައުލޫމާތާ، އެ ތަނަކަށް ދަތުރުކުރާ އުޅަނދު ނަމްބަރާ މިސްރާބު ފަދަ ތަފްސީލުތައް، އާއިލާއައި ރަހުމަތްތެރިންނާ ހިއްސާކުރުމަށް މި އެޑްވައިޒަރީގައިވެއެވެ.

ސީޕީ އަންޖާނީ ކުމާރު ވިދާޅުވީ، ވީހާވެސް ބޮޑަކަށް އަލި ތަންތަނާ، ބައިބޯ ސަރަހައްދުތައް ހިޔާރު ކުރުން ބުއްދިވެރިކަމަށާ، ކުޑަ ނަމަވެސް ޝައްކެއްވެ ނުތަނަވަސް ކަމެއް އުޅޭހެން ހީވާނަމަ ފުލުހުންގެ އެހީތެރިކަމަށް ވީ އެންމެ އަވަހަށް އެދުމަށް ފަސް ނުޖެހުމަށްވެސް ސީޕީ އަންޖާނީ ކުމާރު ވަނީ ގޮވާލައްވާފައެވެ.

100 އަށް ގުޅަން ތައްޔާރަށް ތިބުމުގެ ބަދަލުގައި، ސްމާޓްފޯނު ޓެކްނޮލޮޖީގެ ތަރައްގީ ލިބިފައިވާ އަދުގެ ޒަމާނުގައި ހޯކްއައި އެޕްފަދަ އެޕްލިކޭޝަންތަކުގެ ބޭނުން ހިފާ، އަބަދުވެސް ލޮކޭޝަން އޮންކޮށްގެން އުޅުން ފަދަ ފިޔަވަޅުތައް އެޅުމަށްވެސް ސީޕީ އަންޖާނީ ކުމާރު ވަނީ އިންޑިއާގައި ބޭރަށް ނިކުމެ އަންހެނުންނާ އަންހެން ކުދިންނަށް ގޮވާލައްވާފައެވެ.

ޕްރިޔަންކާ ރޭޑީގެ ރޭޕްއާއި މަރުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފައިވާއިރު، މިކަމާ ގުޅިގެން ފުލުހުންގެ އިތުރު 3 މީހަކުވެސް ހައްޔަރު ކުރި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ކަންމިހެން އޮތްއިރު ޕްރިޔަންކާގެ މަންމަ ވަނީ އޭނާގެ ދަރިފުޅުގެ ގާތިލުން މަރަން ޖެހޭނީ، ދިރިހުއްޓާ އަންދާލައިގެން ކަމަށް ބުނެފައެވެ.