ބޮޑެތި ފިލްމް ސްޓޫޑިއޯ ސިނާއަތުގެ ބޭރުން އުފައްދާފައިވާ އިނގިރޭސި ފިލްމުތަކަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ބްރިޓިޝް އިންޑިޕެންޑެންޓް ފިލްމް އެވޯޑްސް 2019ގެ ޝަރަފުވެރި ވަނަތައް، ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ވާހަކަތައް އާދަޔާ ހިލާފު ނަޒަރަކުން ހުށަހަޅާދީފައިވާ ޑޮކިއުމަންޓްރީ ފިލްމް "ފޯ ސަމާ"އިން ގެންގޮސްފިއެވެ.

"ފޯ ސަމާ" އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ބެސްޓް އިންޑިޕެންޑެންޓް ފިލްމް، ބެސްޓް ޑައިރެކްޓާ އަދި ބެސްޓް ޑޮކިއުމަންޓްރީގެ އެވޯޑްވެސް ހިމެނެއެވެ.

ސޫރިޔާގެ ފަރުދީ ނޫސްވެރިޔާ ވާދް އަލް ކަތޯއިބު (ވ) އޭނާގެ ދަރިފުޅު ސަމާއާއިއެކު/ފޮޓޯ: އާޓްނިއުސްޕްރެސް

ހަނގުރާމަ މަތީ ޑޮކިއުމަންޓްރީ ފިލްމް "ފޯ ސަމާ" އިން ފެނިގެންދަނީ ސޫރިޔާގެ އެންމެ ބައިބީ އެއް ސިޓީކަމަށްވާ ހަލަބަށް އުފަން ވާދް އަލް ކަތޯއިބުގެ ދިރިއުޅުމެވެ. މާކެޓިންގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުންދިޔަ ވާދް، ސޫރިޔާގެ ދާހިލީ ހަނގުރާމައާއިއެކު ފަރުދީ ފެންވަރުގައި ނޫސްވެރިކަން ކުރަން ފެށިއެވެ. އަދި ހަނގުރާމައިގެ ނާމާން މަންޒަރުތައް ޑޮކިއުމަންޓްރީއެއްގެ ސިފާގައި އެއްކުރަން ފެށިއެވެ. ދާހިލީ ހަނގުރާމަ ފެށި 5 އަހަރުވީއިރު ވާދް ވަނީ ލޯބީގެ ގޮތުން މީހަކާ ގުޅި، ޒަވާޖީ ހަޔާތެއް ފަށާ، ދަރިއަކުވެސް ހޯދާފައެވެ. ހަނގުރާމައިގެ ތެރޭގައި ހިނގާދިޔަ މިހުރިހާ ކަމެއްގެ ތެރެއިން ވާދްގެ ދެމަފިރިންނަށް އުފަންވި ދަރިފުޅަށް ކިއަނީ ސަމާއެވެ.

ސޫރިޔާގެ ފަރުދީ ނޫސްވެރިޔާ ވާދް އަލް ކަތޯއިބު، އޭނާގެ ޑޮކިއުމަންޓްރީ ފިލްމް "ފޯ ސަމާ"އަށް މަންޒަރުތައް ނަގަނީ/ފޮޓޯ: ފޯސަމާމޫވީސް | ސްކޯއާ ސްޕޭސް

"ފޯ ސަމާ"ގެ ޑައިރެކްޓަރަކީވެސް އުމުރުން އެންމެ 28 އަހަރުގެ ވާދްއެވެ.

ވާދްއަކީ އިނގިރޭސި މީޑިއާއަށް މިހާރު އާ މޫނެއް ނޫނެވެ. ސޫރިޔާގެ މަސްރަހުން ޗެނަލް 4 ނިއުސްއަށް ވާދް ތައްޔާރުކޮށްދޭ ޚަބަރުތަކަކީ، އިނގިރޭސި މީޑިއާގައި އެންމެ ގިނަ ބަޔަކު ޚަބަރުތަކަކަށް އޮތީވެފައެވެ.

ސޫރިޔާގެ ފަރުދީ ނޫސްވެރިޔާ ވާދް އަލް ކަތޯއިބު (ވ) އޭނާގެ ދަރިފުޅު ސަމާއާއިއެކު/ފޮޓޯ: ފިލްމޯޓޮމީ

93 މިނެޓެއްހާއިރަށް ދެމިގެންދާ "ފޯ ސަމާ" ޑޮކިއުމަންޓްރީ ފިލްމުގައި ފެނިގެންދަނީ 2016 ވަނަ އަހަރު ސޫރިޔާގެ ހަލަބުން އޭނާގެ އާއިލާ ބޭރުކޮށްލި ހިސާބުން އޭނާގެ ދިރިއުޅުން ހިނގާދިޔަ ގޮތުގެ ހަގީގީ މަންޒަރުތަކެވެ.