ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބި ހައްގުތައް ނިގުޅައިގަނެވިފައިވާ ނޫސްވެރިންގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކޭސްތަކުގެ މައްޗަށް ބިނާކޮށް ދަ ވަން ފްރީ ޕްރެސް ކޯލިޝަންއިން އެކުލަވާލާފައިވާ ލިސްޓުގައި، ދުނިޔޭގެ ނިސްބަތުން ނުފޫޒު ގަދަ ގައުމުތަކެއް ހިމަނައިފިއެވެ.

"10 މޯސްޓް އާޖަންޓް"ގެ ނަމުގައި އެކުލަވާލާފައިވާ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެއީ ހޮންގްކޮންގްގައި ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް ކަވަރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ނޫސްވެރިޔާ ސޯފިއާ ހުއާންގްއަށް ދެމުންދާ އަނިޔާތަކާ ގުޅިގެންނެވެ. ގޭބަންދުގައި މިވަގުތު ހުރި ސޯފިއާގެ ސާވަލަންސް ވަރުގަދަ ކޮށްފައި އޮތް ގޮތުން، އޭނާގެ ކޮންމެ ހަރަކާތަކަށް ކަމާބެހޭ ފަރާތްތަކުން ފާރަލައެވެ.

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރަމުން އަންނަ އިންޑިއާވެސް ވަނީ މި ލިސްޓުގައި ހިމަނާފައެވެ. ކަޝްމީރުގެ ނޫސް އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ގާނީ ޝިބްލީ ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި އޭނާގެ އާއިލާއިންވެސް ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަމިއްލަ ވަޒަނާ 600 މޭލު ދުރުގައި ހުންނަ ޖަލެއްގައި ޝިބްލީ ހައްޔަރުކޮށްފައި ހުރިއިރު އޭނާގެ ސިއްހީ ހާލަތު ވަރަށް ދެރަ ކަމަށް ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

"10 މޯސްޓް އާޖަންޓް"ގެ ނަމުގައި އެކުލަވާލާފައިވާ ލިސްޓުގެ 2 ވަނާގައި ހިމަނާފައިވަނީ ސައުދީ އަރަބިއްޔާއެވެ. އެއީ އެގައުމުގެ ސިޔާސީ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ ހާދިސާއާއި ގުޅިގެންނެވެ. މިމައްސަލައިގެ ޝަރިޔަތާ ތަހުގީގު ހިންގުމުގެ ހުއްދައާއި ފުރުސަތު ސައުދީއިން އެހެން ގައުމަކަށް ދީފައި ނުވާއިރު، ސައުދީއިން ކުރިއަށް ގެންދާ ކަމަށް ބުނާ ޝަރިއަތުގައި އަދި އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނެތެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއުކުރަމުންދިޔަ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ އޯޑަރު އައީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ހިސާބުން ކަމަށް އެމެރިކާއިން ހިންގި ތަހުގީގުތަކުންވެސް ވަނީ ހާމަވެފައެވެ.

ކަންމިހެން އޮތްއިރު، ނޫސްވެރިކަމުގެ މިނިވަން ކަމަށް ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ގާނޫނު ހަދާ މަޖިލީހުގެ މިހާރު ރައީސް މުޙައްމަދު ނަޝީދު، އެމްބީއެސް ފަދަ ބޭފުޅަކާއެކު ފޮޓޯއެއް ނަންގަވާ، އުފާވެރި ރޫހެއްގައި އެފަދަ ފޮޓޯފުޅެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެވިކަމަށްޓަކައި ގިނަ ބައެއްގެ ފާޑުކިއުންތައް މިހާރު ދަނީ ރައީސް ނަޝީދަށް އަމާޒުވަމުންނެވެ.