ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯއްދެވިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓިގެ ބައްދަލުވުމުގައި ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. އެގޮތުން ނޫމަޑި މައްސަލާގައި އޭރު މުއިއްޒު އެއްވެސް ކަހަލަ މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ ބަލަންވަނީ ނިންމާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ، ނޫމަޑި އެގްރީމެންޓް ބާތިލުކުރަން ޖެހުމުން ދައުލަތަށް އިޔާދަނުކުރެވޭ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އިހުމާލުވެފައިވާ މީހުންނަށް ދައުވާ ކުރަން އޭނާ ހުށައެޅުއްވިއެވެ. އަދި ނޫމަޑީގެ މައްސަލާގައި މުއިއްޒު ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގު ކުރަން ވެސް ހުށަހަޅާފައި ވެއެވެ. އެ އެކަމަށް ފިޔަވަޅު އެޅުމަށް އެ ކޮމިޓީގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އާބިޓްރޭޝަނަށް ޑރ. މުއިއްޒު ބަޔާން ދެއްވީ ކޮން ހައިސިއްޔަތުން ކަމާ މެދު ތަކުރާރުކޮށް އޭނާ އެ ދުވަހު ސުވާލުކުރެއްވުމުން ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. ކުރިން އެ ކޮމީޓީއަށް މުއިއްޒު ހާޒިރުކޮށް ސުވާލު ކުރުމުން އާބިޓްރޭޝަނަށް ކުރިން ދެއްވި ބަޔާން ފަހުން ބަދަލުކުރެއްވި ކަމަށްއޭނާ ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން، އިލްޔާސް ވިދާޅުވީ އެގޮތަށް ޖަވާބުތައް ދެއްވާފައި ވާތީ ނޫމަޑިއާ ގުޅިގެން މުއިއްޒު ކޮންމެވެސް ކަހަލަ ނާޖާއިޒް ފައިދާއެއް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެން ކަމުން މުއިއްޒު އަށް ނޫމަޑިން އެއްވެސް ކަހަލަ ނާޖާއިޒް ފައިދާއެއް ލިބިވަޑައިގެންފައި ވޭތޯ ބެލުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، މުއިއްޒުގެ މައްސަލަ ބެލެން ޖެހޭނެ ކަމަށާއި އޭރު އެގްރީމެންޓް ޓާމިނޭޓް ކުރި ފަރާތަކީ މުއިއްޒު ކަމަށާއި، ނޫމަޑިއާ އެއްކޮޅަށް ހެކިބަސްދީގެން ސަރުކާރަށް ނޫމަޑީގެ ކޭސް ގެއްލުނީ ކަމަށެވެ. އެހެންކަމުން ދައުލަތަށް މި ފައިސާ ހޯދުމަށްޓަކައި އިންވެސްޓިގޭޝަނެއް ހަދާ އިހުމާލުވާ ފަރާތްތަކުގެ އަތުން މި ފައިސާ ހޯދަން ހުށަހަލާފައިވާ ކަމަށް ގަފޫރު ވިދާޅުވިއެވެ. އަދި ނޫމަޑީގެ މައްސަލަ ނިމިފައި އޮތަސް ކަން ހިނގައިދިޔަ ގޮތް ބަލަން އޭސީސީ އާއި އޮޑިޓް އޮފީސް އަދި ފުލުހުން ގުޅިގެން ތަހުގީގީ ޓީމެއް ހަދަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.