އުމުރުން އެންމެ 16 އަހަރުގެ ސާދާ ހަމޫދު އަހުމަދު އަލްހުމައިދީ އަކީ ޔަމަނަށް އުފަން، ލޯފަން ކުއްޖެކެވެ. 2015 ވަނަ އަހަރުން ފެށިގެންދާ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔަމަނުގައި ސާދާއަކީ ވަރުގަދަ ޝަހްސެކެވެ. އޭނާގެ ނަމަކީ ޔަމަނަށް އާ ނަމެއް ނޫނެވެ. ޔަމަނު މީހުން ސާދާ ދަންނަނީ ދާހިލީ ހަނގުރާމައިގެ ސަބަބުން އިންސާނީ ހައްގުތަކުން މަހްރޫމުވެ، ތަފާތު އެކި ތަކުލީފުތައް އުފުލަން ޖެހިފައިވާ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ބަލާޣާތްތެރި ފަހުލަވާނެއްގެ ގޮތުގައެވެ.
ދާދިފަހުން އދއިން އާންމުކުރި ރިޕޯޓަށް ބަލާއިރު، ޔަމަނުގައި ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން އެ ގައުމުން ކޮންމެ 11 މިނެޓް 54 ސިކުންތަކުން ކުޑަކުއްޖެގެ ފުރާނަ ގެއްލިދެއެވެ.
ލޮލުގެ ފެނުމުން މަހްރޫމުވެފައިވާ ސާދާއަލީ ހޯޕް ފައުންޑޭޝަންގެ ހީވާގި މެމްބަރެކެވެ. މި ފައުންޑޭޝަނަކީ ލޮލުގެ ފެނުމުން މަހްރޫމުވެފައިވާ ކުދިން މުޖުތަމައަށް ރީހެބިލިޓޭޓް ކުރުމަށް އެކި މަޝްރޫއުތައް ހިންގާ ފައުންޑޭޝަނެކެވެ.
ސާދާގެ ވަނަވަރުގައި ފާހަގަކުރަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. އޭނާއަކީ ޔަމަނުގައި އޮންނަ ކުޑަކުދިންގެ ޕާލަމެންޓް ނުވަތަ މަޖިލީހުގެ މެމްބަރެއްވެސް މެއެވެ. އެ މަޖިލީހުގައި އޭނާ ތަމްސީލުކުރަނީ ލޯފަން ކުދިންގެ ދާއިރާއެވެ.
އޭނާގެ މަސައްކަތްތަކަ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާދާ ބުނީ، ލޮލުގެ ފެނުމުން މަހްރޫމުވެ މުޖުތަމައުގެ އެކި ކަންކަމުން ބާކީ ކުރަމުންދާ ކުދިންނަށް ބޭނުންވާ ނަފްސަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ތަކުގައިވެސް އޭނާ ބައިވެރިވާ ކަމަށެވެ.
ސާދާ ބުނާ ގޮތުގައި މިމަސައްކަތަށް އޭނާ އެކްޓިވިސްޓެއްގެ ގޮތުގައި ނިކުތީ ޚުދު އޭނާއަށްވެސް ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކުގެ ސަބަބުންނެވެ. އަދި އޭނާގެ ހިތުން ފޮނުވާލާ މެސެޖުތަކަކީ އަނެކުންގެ ސީދާ ހިތަށް ފޮނުވާލެވޭނެ މެސެޖެއް ކަމަށެވެ.
ސާދާ ބުނާ ގޮތުގައި މިއަދު ޔަމަނުގެ ކުޑަކުދިންނަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ސީރިއަސް އެއް މައްސަލައަކީ އިލްމު ހާސިލުކުރަން ނުލިބުމުގެ މައްސަލައެވެ. ތައުލީމު ނެތުމުން ސިއްހީ ދުޅަހެޔޮކަންވެސް ނެތިގެން ދާ ކަމަށާ، އެކަން އެހެން ދިމާވަނީ ދުޅަހެޔޮ ސިއްހަތާ ބެހޭ މައުލޫމާތު ފޯރުކޮށްނުދެވުމުގެ ސަބަބުން ކަންވެސް ސާދާ ފާހަގަކުރެއެވެ.
އޭނާއަށް ސްކޫލަށް ދެވުނު ކަމުގައި ވީ ނަމަވެސް، އިލްމު ހާސިލުކުރުމުގެ ފުރުސަތުން މަހްރޫމުވެފައިވާ ގިނަ އަދަދެއްގެ ކުޑަކުދިން މިއަދުވެސް ޔަމަނުގައި އެބަތިބިކަން ސާދާ ގަބޫލުކުރެއެވެ. އޭނާއަށް ސްކޫލަށް ދެވުނު ކަމުގައި ވީ ނަމަވެސް ތައުލީމީ ނިޒާމުގެ ފެނަވަރު އިންތިހާއަށް ދަށްވެފައިވާކަން ސާދާ ފާހަގަކުރެއެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރު ސާދާ ފާހަގަކުރާ އެއް ކަމެއް އޮވެއެވެ. އެއީ ކުޑަކުދިންގެ ފަރާތުން ވަކާލާތުކުރަން އެންމެ ހައްގު ބަޔަކީ ޚުދު ކުޑަކުދިން ކަމަށް އޭނާ ބުނާ ބުނުމެވެ.