2014 ވަނަ އަހަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި އޮތް، ހައްދުފަހަނައަޅާފައިވާ އައިސްއެސް ޖަމާއަތުގެ 31 ހަނގުރާމަވެރިއަކާ އެމީހުންނާ ގުޅުންހުރި 62 އަންހެނަކާ ކުޑަކުއްޖަކު އަފްގާނިސްތާނިސްތާނުގެ ސަރުކާރަށް އަމާން ދީފިއެވެ.

އަފްގާނިސްތާނުގެ ސަރުކާރުން ބުނީ އަމާންދީ، ސަލާމަތީ ބާރުތަކާ އަމިއްލައަށް ހަވާލުވީ އެގައުމުގެ އިރުމަތީ ނަންގަރުހާރު ޕްރޮވިންސްގައި ތިބި ބަޔަކު ކަމަށާ، އެމީހުން ގެންގުޅުނު ބަރު އަދި ލުއި ހަތިޔާރުތައްވެސް މިހާރު ކަމާ ބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ނަގާފައިވާކަމަށެވެ.

ހުސްވި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުވެސް އަފްގާނިސްތާނުގެ އާޝީން ޑިސްޓްރިކްޓްއިން އައިސިސްގެ 18 ހަނގުރާމަވެރިއަކާ، އެމީހުންނާ ގުޅުން އޮތް 24 އަންހެނަކާ 31 ކުޑަކުދިން ވަނީ، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމިއްލަ އިހުތިޔާރުގައި އަމާންދީފައެވެ.

އަފްގާނިސްތާނުގެ ސަރުކާރުން ބުނީ، އައިސިސްގެ ހަނގުރާމަވެރިން އަމާންދެމުންދަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޓެރަރިސްޓުންނާ ދެކޮޅަށް، އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށާފައިވާ ވަރުގަދަ އޮޕަރޭޝަންގެ ސަބަބުންނެވެ.