ޒުވާން ޑޮކްޓަރު ޕްރިޔަންކާ ރެޑީއަކީ މީޑިއާގެ ފަލަ ސުރުހީތަކުން ފެށިގެން ގޮސް ސައި މޭޒުތަކުގައިވެސް އެމީހެއްގެ ވާހަކަ އެންމެ ގިނައިން ދެކެވޭ އެކަކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އަންހެނުންނަށް ކުރާ ލާއިންސާނީ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ޖެހިގެން އައި ދުވަހު އިހާނެތި ގޮތަކަށް މަރާ، ރޭޕްކޮށް އަންދާލި ޕްރިޔަންކާގެ ވާހަކަ ދައްކަން މިއަށްވުރެ އެކަށޭނަ ވަގުތެއް އެބައޮތް ހެއްޔެވެ؟
ޖަނަވާރުންނަށް ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ޕްރިޔަންކާއާއި މެދު އަމަލުކޮށްފައިވަނީ އިންސާނަކާ މެދު ދެވަނަ އިންސާނަކު އަމަލުކުރާނެ ފަދަ ގޮތަކަށް ނޫނެވެ.
މީހުން ހައްޔަރު ކުރުން
ޕްރިޔަންކާއާއި މެދު މި އިހާނެތި ޖަރީމާ ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި މިހާތަނަށް 4 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މުޙައްމަދު އަރީފު، 26، ޖޯލޫ ޝިވާ، 20، ޖޯލޫ ނަވީން، 20، ޗިންތަކުންތަ ޗެންނާކެޝާވުލޫ، 20، އެވެ. މީގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވާ 2 މީހުން ތިއްބެވެ. ގާ ބަރުކޮށްގެން ދިޔަ ޓްރަކްގައި ތިބި 2 މީހުންނާ ޝީވާ އާއި ޗެންނާކެޝާވުލޫ ދިމާވަނީ ކަމަށާ، ނުބައިވެގެންވާ ޖަރީމާ ހިންގިއިރު މި 4 ފިރިހެންނުންވެސް ތިބީ ރާބޮއެ، އަމަލުގެ ހާލަތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ހާދިސާ ހިނގާދިޔައީ ކިހިނެއް؟
އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުގައި ޕްރިޔަންކާއާއި މި 4 މީހުން ދިމާވަނީ ރޭގަނޑު 09:30 ހާއިރު، އޭނާގެ ސައިކަލުގެ ޓަޔަރެއް ފަޅައިގެން ގޮސްގެން އުޅެނިކޮށެވެ. އޭނާގެ ޓަޔަރު ރަނގަޅު ކޮށްދިނުމަށް އެ 4 މީހުން ހުށަހެޅިއެވެ. މިކަމެއް ހިނގީ އޭނާ މަސައްކަތްކުރާ ޖަނަވާރުންނަށް ފަރުވާދޭ ހޮސްޕިޓަލުގައި މަސައްކަތްކުރުމަށްފަހު، ހަމުގެ ޑޮކްޓަރެއްގެ ގާތަށް ދިޔަ ވަގުތުއެވެ. ހަމުގެ ޑޮކްޓަރެއްގެ ގާތަށް ގޮސް ޕްރިޔަންކާ އެނބުރި އައިއިރު އޭނާގެ ސައިކަލުގެ ޓަޔަރު އޮތީ ފަޅާލާފައެވެ.
ރޭގަނޑުގެ 10:00 އިރު ޕްރިޔަންކާއަށް ވެގެން އުޅޭ ގޮތް ގޭ ކުއްޖަކަށް ފޯނުން ކިޔައިދިނެވެ. ގެއިން ޖަވާބުގައި ބުނީ ޓެކްސީއެއް ނަގައިގެން ގެއަށް އައުމަށެވެ. ފުލުހުން ބުނި ގޮތުގައި ޕްރިޔަންކާގެ ފަހު ވަގުތު ކޮޅުގެ ފެށުމަކީ އެއީއެވެ.
ޝިކާރަވެރިން ޕްރިޔަންކާއަށް ޖިންސީ ގޯނާކުރުމަށްފަހު އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ފުލުހުން ބުނެއެވެ.
ހަށިގަނޑު ފެނުނީ ރޭޕްކުރި ސަރަހައްދާ 15 މޭލު ދުރުން
ސައިބާއާބާދުގެ ޕޮލީސް ކޮމިޝަނަރު ވީސީ ސައްޖާނަރު ވިދާޅުވީ ޕްރިޔަންކާގެ ހަށިގަނޑު ނައްތާލާނެ ސަރަހައްދެއް ހޯދުމަށް، ތުހުމަތުކުރެވޭ 4 މީހުން މިސްރާބު ޖެހީ ރޭގަނޑު 10:28 ހާއިރު ކަމަށެވެ. ސައްޖާނަރު ވިދާޅުވި ގޮތުގައި ޕްރިޔަންކާގެ އަންދާލާފައިވާ ހަށިގަނޑު އަންދާލާފައިވަނީ އެރޭ މެންދަމުން އަލިވެ 03:00 ޖަހާ އެހާކަށް ހާއިރު ޗައްތަންޕައްލީ އޭ ކިއުނު ސަރަހައްދުގައެވެ. އެއީ އޭނާ ރޭޕްކުރި ސަރަހައްދާ ގާތްގަނޑަކަށް 15 މޭލު ދުރުގައި އޮންނަ ހިސާބެކެވެ.
ޕްރިޔަންކާގެ އާއިލާއިން އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ހުށަހެޅި ރޭގަނޑު 11:30ގައެވެ. އަދި އޭނާ އެންމެ ފަހުން ގުޅި ސަރަހައްދަށް އެ އާއިލާއިން ގޮސް، ފަތިހު 05:00 ޖަހަންދެން އެކި ތަންތަން ހޯދިއެވެ.
ޕްރިޔަންކާ ގެއްލިގެން ފުލުހުން އަމަލު ކުރި ގޮތުން ބޮޑެތި ފާޑުކިއުންތަކެއް
އިންޑިއާގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، ޕްރިޔަންކާގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހަރަކާތްތެރިވީލެއް ލަސް ކަމުން ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުންފާޅުކުރަމުންނެވެ. މި ވާހަކަތައް އޮއްބާލުމަށް އިންޑިއާގެ ސަރުކާރުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ޕްރިޔަންކާގެ އާއިލާގެ މެމްބަރުންނަށް ދިން ކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ކަންމިހެން އޮތްއިރު ޕްރިޔަންކާ ގެއްލިގެން ފުލުހުންނަށް ހުށަހެޅުމުން، ކޮންމެވެސް މީހަކާއެކު އޭނާގެ ހަޔާތް ފެށުމަށް ފިލީކަމަށް ފުލުހުންގެ ތެރެއިން އޮފިސަރަކު ޝުއޫރު ފާޅުކުރި ކަމަށް ދެކެވޭ ވާހަކަތަކެއްވެސް ވަނީ ދައުރުވެފައެވެ.
ޕްރިޔަންކާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނީ، ފުލުހުންގެ އެއް އިދާރާއިން އަނެއް އިދާރާއަށް ދުވަން ޖެހުމުން ގިނަ ވަގުތުތަކެއް ބޭކާރުވެގެން ދިޔަ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވަގުތު ބޭކާރުނުކޮށް އަޅަންޖެހުނު ފިޔަވަޅުތައް އެންމެ ފުރަތަމަވެސް އެޅި ނަމަވެސް، ޕްރިޔަންކާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތީސް ކަމަށްވެސް އޭނާގެ އާއިލާއިން ދަނީ ބުނަމުންނެވެ.
ގާތިލުން އަންދާލަން އާއިލާ ތައްޔާރު
ޕްރިޔަންކާގެ މަންމަ ބުނީ އޭނާގެ ދަރީގެ ގާތިލުން ދިރިހުއްޓާ އަންދާލަންޖެހޭ ކަމަށެވެ.
ކަންމިހެން އޮތްއިރު، ރޭގަނޑުގެ ވަގުތުތަކުގައި ބަރު އުޅަނދުތައް ރަނގަޅަށް ރެގިއުލޭޓް ކުރަންޖެހޭ ކަމަށާ، ވަދެ ނިކުމެވާ އުޅަނދުތައް ރަނގަޅަށް ބަލާ ފާސްކުރަންޖެހޭ ކަމަށް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.
ރޭޕްއިންޑިޔާ