އިންޑިއާއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން ދެގައުމުގެ އިސްވެރިން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވަނީ ސްރީލަންކާގެ އާ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހައިދަރުއާބާދު ހައުސްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއިއެކު ކުރިއަށް ގެންދެވި ބައްދަލުކުރެއްވުމުގައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމަށްފަހު ދެގައުމުގެ އިސްވެރިން އެކުގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ސްރީލަންކާ ބާރުވެރިވެގެން ދިއުމަކީ ހަމައެކަނި އިންޑިއާގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫންކަމަށާ، އެއީ މުޅި އިނޑިއާ ކަނޑުގެ ސަރަހައްދުގެ މަސްލަހަތު އެކަމުގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެގޮތުން ގޮތަބާޔާއާއި މަތިކުރެވިފައިވާ ޒިންމާއަކީ، ބާރުވެރި ސްރީލަންކާއެއް އުފެއްދެވުމަށް އެގައުމުގެ ރައްޔިތުން އޭނާއާއި ހަވާލުކުރައްވާފައިވާ މެންޑޭޓެއް ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ.

މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާއިން މިހާރު ތަންފީޒުކުރަމުންދާ "ފުރަތަމަ އަވަށްޓެރިޔާ ސިޔާސަތު"ގެ ދަށުން އިންޑީއާއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއިން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

މޯދީއާއި ގޮތަބަޔާއާއި ދެބޭފުޅުންގެ މެދުގައި ކުރިއަށްދިޔަ ސިއްރު މަޝްވަރާތަކުގައި ދޭދޭ ގުޅުމާއި ގުޅުންހުރި އިޖުތިމާއީ 20 ވަރަކަށް މަޝްރޫއާއި ބެހޭ ގޮތުން ވާހަކަފުޅުދެކެވިގެން ދިޔަ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން 400 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިނެއް އިންޑިއާއިން ސްރީލަންކާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާ، މީގެ ތެރޭގައި ޓެރަރިޒަމްއާއި ދެކޯޅަށް ހަނގުރާމަ ކުރުމަށް ކަނޑައަޅާފައިވާ 50 މިލިއަން ޑޮލަރުވެސް ހިމެނޭ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

މިމަހުގެ 16 ވަނަ ދުވަހު ސްރީލަންކާގައި ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގައި ސާފު އަގުލަބިއްޔަތުން ކުރި ހޯއްދަވައިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ފުރަތަމަ ފަހަރަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ގޮތަބަޔާ ވިދާޅުވީ، ދޭދޭ ގުޅުން ބަދަހި ކުރުމަށް އިންޑިއާއާއިއެކު ސްރީލަންކާއިން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.