އެމެރިކާއާއި ތޯލިބާނުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާ، ޑީލްއެއް ހަދަން ތޯލިބާނު ޖަމާއަތުން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭ ގޮތުން ތޯލިބާނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުށްލި ގޮތަކަށް އަފްގާނިސްތާނަށް ވަޑައިގެން، އެގައުމުގައި ތިބޭ އެމެރިކާގެ ސިފައިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަމަލާތަކަށްފަހު އެމެރިކާއިން އަފްގާނިސްތާނަށް އަރާ އެ ގައުމުގައި ވަރުގަދަ ހަނގުރާމައެއް ކުރަން ފެށި ފަހުން މިއަދާ ހަމައަށް އައިރިރު އެމެރިކާ އަސްކަރިއްޔާގެ 13000 އެއްހާ ސިފައިން އަފްގާނިސްތާނުގައި އެބަތިއްބެވެ.

އެމެރިކާގެ ރައީސް ގެ ހައިސިއްޔަތުން އަފްގާނިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕް ވަނީ އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީއާއި ބައްދަލުކުރައްވާފައެވެ.