މިއަދަކީ މުސްލިމުންނަށް ކޮންފަދަ މަތިވެރި ދުވަހެއް ހެއްޔެވެ. ހުކުރު ދުވަހަކަށް ވީއިރު މިއަދަކީ އިސްލާމް ދީނުގެ ސަބަބުން ހަފްތާގައި އެތައް ސަވާބަކާއި ދަރުމައެއް ލިބިގެންދާ މާތް ދުވަހެކެވެ. މުސްލިމުންނަށް ކޮންމެ ހަފްތާއެއްގައި އަންނަ ހުކުރު ދުވަހަކީ މާތް ދުވަހެއް ކަމުގައި ވީއިރު މި ހުކުރު ދިވެހިންނަށް ވެގެން ދާނީ ހާއްސަ ދުވަހަކަށެވެ.

މިއަދަކީ ދިވެހި ރާއްޖެއަށް އިސްލާމް ކަމުގެ އަލި ނޫރު ފާޅުވެގެން ދިޔަތާ 893 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީގޮތެއްގައި މި ދުވަސް ފާހަގަކުރަން ދެވަނަ އަށް ފެށިތާ 20 އަހަރު ފުރޭ ދުވަހެވެ. ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރާ ދުވަހެވެ.

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ

ރާއްޖެ އިސްލާމްވުން: ތާރީޚުގެ ތެރެއިން

ރާއްޖޭގެ ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން ފަށާފައި ވަނީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 1421 ވަނަ އަހަރުން ފެށިގެން މި ދުވަސް އަނެއްކާވެސް ދަނީ ފާހަގަކުރަމުންނެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣްރިބުކަރައިގެ އިލްމުވެރިއެއްގެ ފަރާތުން ކަމަށް ފޮތްތަކުގައި ލިޔެފައިވެއެވެ. އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ ނަމުން މަޝްހޫރުވެފައިވާ މި އިލްމުވެރިޔާއަކީ ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅާއެވެ. އެގޮތުން ރަންނަމާރި އެރި ވާހަކާއާއި އެ ރަންނަމާރި ކައިރިއަށް އިއްފަތްތެރި އަންހެން ކުދިން ގެންދަން ޖެހޭ ވާހަކަ އަކީ ދިވެހި ތާރީހީ ފޮތްތަކުން ފެންނަމުން އަންނަ މަޝްހޫރު ވާހަކައެކެވެ. އަދި އެ ރަންނަމާރިއަކީ އެ ޒަމާނުގައި ހުންނެވި ރަސްކަލެއް ކަމަށް ބުނެ އުޅެއެވެ. ރާއްޖެ އިސްލާމް ވާން ދިމާވި ހާދިސާގައި ރަންނަމާރީގެ ދައުރު ބޮޑެވެ.

ތާރީހީ ފޮތްތަކުން ފެންނަން އޮތް ރަންނަމާރީގެ ފުލޯކު ވާހަކަ!

ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅުވައިގެން ކިޔާ އުޅޭ ފްލޯކް ވާހަކައެކެވެ. އެގޮތުން ރާއްޖެއަކީ އޭރު ބުދަށް އަޅުކަން ކުރާ ބަޔަކު އުޅުނު ޖަޒީރާ ގައުމެކެވެ. އޭރު ހުންނެވި ރަސްކަލެއްގެ ނުފޫޒާއި ބާރު ފޯރުވަމުން ދިޔަ ރަސްކަމެއްގެ ތެރެއިން އެއީ ހިންގަމުން ދިޔަ ބޮޑު ޖަރީމާއެއް ކަމަށްވެސް ކިޔައެވެ.

މި ވާހަކަ ފެށިގެން ދަނީ ރާއްޖޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބޭ ހިސާބުންނެވެ. ކޮންމެ ހަނދު މަހަކު، ކަނޑުން އަރައިގެން އަންނަ "ފުރޭތަ" އެއްގެ ވަބާ އޭރު ވަނީ ރައްޔިތުންނަށް ފޯރާފައެވެ. އެ ރަންނަމާރިން ސަލާމަތްވުމަށް، ގުރުއަތުން ހޮވާ ކުއްޖަކު ރަންނަމާރިއަށް ވެދުމަށް ގެންދަނީ ބުދު ދީނުގެ އެތައް އަޅުކަމަކަށް ފަހުއެވެ. މައިންބަފައިން ހިތާ ދެކޮޅަށް އަންހެންދަރިން ބުދުކޯލަށް ގެންދަން ޒީނަތްތެރި ކުރަނީ އަލަތު ކައިވެންޏަށް ތައްޔަރާރު ކުރާ ފަދައިންނެވެ. އެކަން ކުރަނީ މުޅި ރަށުގެ ރައްޔިތުންނަށްޓަކައި ކަމަށް އޮންނަނީ ވިސްނައިދީފައެވެ. އެހެން ނޫންނަމަ ރަންނަމާރި އަރާ މުޅި ރަށް ބަންޑުން ޖަހާލާނެކަމަށް އެމީހުން ގަބޫލު ކުރެއެވެ.

ޖެހިގެން އަންނަ ދުވަހަށް ރަށުތެރެ އަލިވުމުން ބުދުކޯލަށް ގެންދާ ކުއްޖާގެ މައިންބަފައިން އެކުއްޖާ ފަހުފަހަރަށް ދެކިލަން ދެއެވެ. އެތަނުން މައިންބަފައިންގެ ހިތް ކުދިކޮށްލައެވެ. އެ މީހުންގެ އަންހެން ދަރި ސުންނާފަތިކޮށްލާފައި ރަންނަމާރި ފައިބެގެން ދާ އިރު އެ ކުއްޖާ އޮންނަނީ އިހާނެތިގޮތަކަށް މަރާލާފައެވެ. ޒީނަތްތެރިކޮށްގެން ގެންދިޔަ ކުއްޖާގެ ފުރާނަނެތް ހަށިގަނޑު އެ މައިންބަފައިން އަންދާލަނީ ބުދު ދީނުގައި މަރުވާ މީހުންނާ މެދު ކަންކުރާ ގޮތަށެވެ.

އަންހެންކުއްޖާ ރަންނަމާރި ކައިރިއަށް ގެންދާ މަންޒަރު ކުޅެފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓް

މިފަދަ ބިރުވެރިކަމެއްގެ ތޭރެގައި ދިވެހިން އުޅެމުން ދަނިކޮށް އޭރު ރާއްޖެއަށް މަޣުރިބު ކަރައިގެ ވަލީވެރިއަކު ވަޑައިގަންނަވާ ހިސާބުން ކަންތައް މުޅިން ބަދަލުވެގެން ދެއެވެ. ރަންނަމާރި އަރާ ރޭ ގެންދިއުމަށް ހޮވިފައިވާ "ބިކުރުވެރި" އަންހެން ކުއްޖާގެ ބަދަލުގައި އަތިރިމަތީ ހުންނަ ބުދުކޯލަށް ދަނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީއެވެ. އެރޭ އެ ވަލީވެރިއާ ގުރުއާން ކިޔަވަން އެތާ ހުންނަވާ ކަމަށާއި އަދި ކަނޑުން އަރައިގެން އަންނަ ފުރޭތަ ގުރުއާނުގެ އަޑު އިވި ބިރުން އެރަށުން ފައިބެގެން ދާ ކަމަށް އެ ފުލޯކު ވާހަކައިގައި ވެއެވެ. އެހިސާބުން ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ގަބޫލުކޮށް ރަންނަމާރީގެ ބިރުވެރިކަމުން ސަލާމަތް ވެއެވެ.

ރަންނާމާރީގެ ކުޅިގަނޑު ރައްޔިތުންނަށް ފަޅާއަރުވާލީ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ. އޭނާ އަންހެން ހެދުން އަޅައިގެން އެ ބުދުކޯލަށް ވަޑައިގެން އިންނަވަނިކޮށް އެތަނަށް ހާޒިރުވަނީ ރަންނަމާރިއޭ ކިޔާ ފުރޭތައެއް ނޫނެވެ. ކޮންމެ މަހަކު އަންހެން ކުއްޖަކު "ރޭޕް" ކޮށް، އޭނާގެ "ބިކުރު" ކަނޑައި، އޭނާގެ "ފުރާނަ" ދުއްވާލާ ރަންނަމާރި އަކީ ރާއްޖޭގައި އޭރު ހުންނެވި ރަސްކަލެއް ކަމަށް ބުނެއެވެ.

ރަންނަމާރި ވާހަކަ ދިރާސާކުރާއިރު، އޭރު ވެސް މިރާއްޖޭގައި އުޅުނު ބުދަށް އަޅުކަން ކުރާ މީހުން ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަން އެނގި އެކަން ވަނީ ސާބިތުވެފައެވެ. އޭރު ރާއްޖެ އިސްލާމްވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ބެލެވެނީ އެފަދަ މީހުންގެ އެ އަނިޔާވެރިކަމުން، ރައްޔިތުން ސަލާމަތްވުމުންނެވެ. މި ކަމުން އެނގެނީ ރަންނަމާރި ވާހަކައަކީ، ދިވެހިންނާ ގުޅި ލާމެހިފައިވާ ވާހަކައެއް ކަމެވެ. ދިވެހިން ތިބި ބިރުވެރިކަމުން ސަލާމަތްވެ އިސްލާމްދީނުގެ ހިދާޔަތް ފާޅުވެގެން ދިޔައީ އެހިސާބުންނެވެ.

ދަރުމަވަންތަ މަހާރަދުން: ރާއްޖެ އިސްލާމްވީ އިރުގެ ރަސްގެފާނު

ރާއްޖެ އިސްލާމް ވީއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތިޔަ މަހާރަދުންނެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްތާން މުހައްމަދު ބުނި އަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަމުން ނަންދީފައެވެ. މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ހިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް މާލޭގައި މިހާރުވެސް އެބަހުއްޓެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއް ސުލްތާން މުހައްމަދު ބުނި އަބްދުﷲ އެވެ.

ދަރުމަވަންތަ މިސްކިތް / ފޮޓޯ: ޓްވިޓާ

ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ މާލޭގައި އަދި އެއްގޮތަކުން ބަލާއިރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މިސްކިތުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. އަދި މަސްޖިދުއް ސުލްތާން މުހައްމަދު ބުނި އަބްދުﷲ އަކީ ރާއްޖޭގައި އަދި މާލޭގައި އިމާރާތް ކުރެވުނު އެންމެ ފުރިހަމަ ރީތި އެއް މިސްކިތެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ޙައްގު މަޤާމު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދެވިގެން ނުވާނެ!

ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަ ކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ދިވެހިރާއްޖެ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، ޤައުމުގެ އެކި ކަންކޮޅުތަކުގައި މިނިވަންކަމާއި އަމާންކަމާއެކު އޮތުމުގެ އެއް ސަބަބަކީ ވެސް އިސްލާމް ދީނެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީ ވެސް އިސްލާމް ދީން ކަމަށް ދިވެހިން ޤަބޫލުކުރެއެވެ.

ހުކުރު ނަމާދުގައި ބަޔަކު އިށީންދެގެން / ފައިލް ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތަޢާރުފް ކުރަންޖެހޭނެ ކަމަށް އެހެން ފަރާތްތަކުން ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ކަނޑައަޅައިފައެވެ. ރާއްޖެ އިސްލާމްވި ދުވަސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުވެސް ފާހަގަކުރަމުން އެބަ ގެންދެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ކަމަށްވާއިރު ހަނދާންކޮށްދޭ ވަރަށް މުހިންމު ފިލާވަޅުތަކެއް އެބަހުއްޓެވެ. އިސްލާމްދީނުގެ ޢަދުއްވުން ރާއްޖެއަށް ދިން އެކި ބާވަތުގެ ހަމަލާތަކެވެ. އޭގެ ދިފާޢުގައި ދިވެހި އަބުތޯލުން ދެއްވި ރައްދެވެ. އެބޭފުޅުން ﷲގެ ހަޒްރަތުން ވާގި އެދިވަޑައިގެން ދެންނެވި މަތިވެރި ދުއާއެވެ. ދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދެވެ. އެ ދުއާ، އަށާއި ޖިހާދަށް އެކަލާނގެ ދެއްވި މަތިވެރި ނަސްރެވެ.

ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީން ގޮވާލަނީ، އެކުވެރިކަމުގައި އެއް ހަށިގަނޑެއް ފަދައިން ވުމަށެވެ. ހަމަހަމަ ކަމުގައި ފުނާގެ ދަތްތައް ފަދައިން ވުމަށެވެ. މުރާލިކަމުގައި ހަލުވި އަސްތަކެއް ފަދައިންވުމަށެވެ. އެކަކު އަނެކަކާ ގުޅި އެހީތެރިވުމުގައި އެއްބަނޑުއެއްބަފައި އަޚުންތަކެއްކަމުގައި ވުމަށެވެ.