ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ ސުވިޓްޒަލަންޑްގެ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފަކު ކޮޅުނބުގައި "ހައްޔަރުކޮށް ބިރުދައްކާފައި" ވާތީ ސުވިޒަލަންޑްގެ ކަމާބެހޭ ފަރާތްތަކުން ރުޅިވެރިކަން ފާޅުކޮށްފިއެވެ.

ސުވިޓްޒަލަންޑްއިންވަނީ އެ ގައުމުގައި ހުންނަވާ ސްރީލަންކާގެ ސަފީރު، ކަމާބެހޭ ފަރާތްތަކަށް ހާޒިރުކުރައްވާ، މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުގީގެ ހިންގެވުމަށް ޑިމާންޑްކޮށްފައެވެ.

ސުވިޓްޒަލަންޑްގެ އޮފިޝަލުން ވިދާޅުވީ، ކޮން ބައެއްކަންވެސް ނޭނގޭ ފިރިހެނުންތަކެއް އެގައުމުގެ އެމްބަސީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު "ހައްޔަރުކޮށް ބިރުދައްކައިގެން" މަސައްކަތް ކޮށްފައިވަނީ އެމްބަސީއާއި ގުޅުންހުރި މައުލޫމާތުތަކެއް ހޯދުމަށް ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ސުވިޓްޒަލަންޑްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކަންމިހެން އޮތްނަމަވެސް މި ކަމެއް ހިނގާ ގޮސްފައި މިވަނީ، ސްރީލަންކާ ފުލުހުންގެ އިސް އޮފިޝަލަކު، ސުވިޓްޒަލަންޑްގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރަންޖެހެއެވެ. ބެލެވޭ ގޮތުގައި ސުވިޓްޒަލަންޑްގެ ސިޔާސީ ހިމާޔަތަށް ފުލުހުންގެ އޮފިޝަލު އެދިވަޑައިގަތީ، ސްރީލަންކާގެ ރިޔާސީ އިންތިހާބު ގޮތަބާޔާ ރާޖަޕަކްސަ ކާމިޔާބު ކުރައްވާ، އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުން އޭނާގެ ސަލާމަތަށް ނުރައްކާވާކަމަށް ގަބޫލުކުރެއްވިގެންނެވެ.

ސުވިޓްޒަލަންޑްގެ ހާރިޖިއްޔާއިން ވާހަކަދެއްކެވި ތަރުޖަމާނަކު ވިދާޅުވީ، ކޮޅުނބުގައި ހުންނަ އެމްބަސީގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ އަންހެން މުވައްޒަފަކު އޭނާގެ ނުރުހުމުގައި، ގަދަ ބާރުން ހިފަހައްޓަ ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ކަމަށެވެ. ޑިޕްލޮމެޓިކް މުވައްޒަފަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށްވެސް ސުވިޓްޒަލަންޑް ހާރިޖިއްޔާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ލަންކާ ފުލުސް އޮފިޝަލު ސިޔާސީ ހިމާޔަތް ހޯއްދެވުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ސުވިޓްޒަލަންޑްގެ އެމްބަސީގައި މަސައްކަތްކުރަމުންދިޔަ ޑިޕްލޮމެޓިކް މުވައްޒަފަކާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅޭ އެއްވެސް މައުލުމާތެއް ސްރީލަންކާގެ ސަރުކާރަށް ލިބިފައި ނުވާކަމަށް ބުނާ ޚަބަރުތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ.

ސްރީލަންކާގެ ސަރުކާރުން ވަނީ ފުލުހުންގެ އިސް އޮފިޝަލުންނަށް ގައުމުން ފުރައިގެން ނުވެދޭ ގޮތަށް އެއާޕޯޓްތައް އެލާޓަށް ގެނެސްފައެވެ.