މިއަދު އަނިޔާ ލިބެނީ ވަކި ފަރުދަކަށް ނޫން ކަމަށާއި އަނިޔާ ލިބެނީ މުޅި ރާއްޖެއަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅުގެ ފަރާތުން ބޭއްވި އިހުތިޖާޖުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ލިބޭ އަނިޔާތަކުގައި މުޅި ރާއްޖެ ޣަރަގުވެގެން ދާއިރު އެ ވާހަކަތައް މިއަދު ދައްކާނެ މީހަކު ނެތް ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ އެ އަނިޔާތަކުގެ ވާހަކަ ދައްކާނެ އެއްވެސް ސިޔާސީ ލީޑަރެއްވެސް ނެތް ކަމަށެވެ.
މިރޭގެ އިހުތިޖާޖުގައި އެ މަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އެ މަނިކުފާނާ ނުލައި ވެސް ޕާޓީ ހިފެހެއްޓެން ޖެހޭނެ ކަމަށާއި ޕާޓީ ހިފެހެއްޓޭ ކަމަށް ވާނަމަ އެއްވެސް މީހަކު އެޕާޓީން ވަކިވެގެން ދިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި ސަޕޯޓަރުންނާ ވަކިން ހުންނަވަން ޖެހިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް އެއްވެސް ކަހަލަ ހީނަރުކަމެއް އައިސްގެން ނުވާނެ ކަމަށާއި އެ ބާރު ލިބިގެން ވަނީ އެ ޕާޓީޫގެ މެންބަރުންނަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދާއިރު، އެ މައްސަލައިގެ ހުކުމް ކުރުން ވަނީ މާދަމާ 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކުރިންސުރެ ބުނަމުންނެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.