މިއުޒިކް ޕްލޭ ލިސްޓުތައް އެކުލަވާލުމާ އެންމެ އަގު ހެޔޮ ފްލައިޓްތަކަށް ޓިކެޓު ހޯދާ ދިނުންފަދަ ކަންކަމަކީ މިއަދު އިންސާނުންނަށް ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތަކަށްވެ، އެކަންކަން ކޮށްދޭނެ އެލްގަރިދަމް ރޮބޮޓްތައް ބޭ އިހުތިޔާރުގައި ނަމަވެސް މިދަނީ ބޭނުން ކުރަމުންނެވެ. މުހިންމު ގިނަ ކަންތައްތައް ނިންމަކީވެސް މިފަދަ އެލްގަރިދަމްތައް ބޭނުންކޮށްގެން ކަމަށް ވާއިރު، ސިޔާސީ ކެންޑިޑޭޓް ހިޔާރު ކުރުންވެސް މިފަދަ "ރޮބޮޓެއް"ގެ އަތް މައްޗަށް ދޫކޮށް ނުލަންވީ ކީއްވެ ހެއްޔެވެ؟

ވޯޓުލާ މަރުކަޒު ކައިރީގައި ދިގުވެގެންވާ ސަފުތަކުގައި ތިބެ އެތައް ގަޑިއިރެއް ހޭދަކުރަންޖެހެއެވެ. ވޯޓުކަރުދާސްކޮޅު އަތަށް އަރާއިރު، ވެފައި ހުންނަ ވަރުބައްޔާ، ހިތް ނޭނދޭ ކެންޑިޑޭޓެއްގެ ނަން ފެނުން އަރައިގަންނަ ގަދަ ރުޅިއަކުން "މަށަށް ވަރިހަމަ"ވެ ހިތަށް އެރި ތަނަކު ފާހަގަޖަހާފައި ނިކުންނަނީ މަދު މީހުންނެއް ނޫނެވެ. އަދި ޖެހެންޖެހޭ ކިއުގެ ދިގުކަން ފެނި، އެ ސަފަށް ނާރާ ތިބެނީވެސް މަދުބައެއް ނޫނެވެ. މިއީ ޑިމޮކްރަޓިކް އުސޫލުން ވޯޓުލުން ހިންގާ ހުރިހާ ގައުމަކަށްވެސް މުޅި ދުނިޔޭގެ ނިސްބަތުން ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެނަކީ ސިޔާސީ ކަންކަމަށް ލޯހުޅުވިފައިވާ މީހުންނެވެ. އަނެއްބައި މީހުންނަކީ ސިޔާސީ ކަންކަމަށް ޝައުގު ހުންނަ މީހުންނެއްވެސް ނޫނެވެ. ނަމަވެސް މިމީހުން ދޭ ވޯޓަކީވެސް ގޮތް ނިންމަން ގުނާނެ ވޯޓުތަކެކެވެ. ވޯޓު ކަރުދާސްކޮޅުގައި ޖަހާފައިވާ ސައްހަ ފާހަގައަކީ އެ ފާހަގަ ޖެހި މީހަކަށް ތަންދޮރު އެނގިގެން ޖެހި ފާހަގައެއްކަން ކަށަވަރުވާނެ ގޮތެއް ނެތެވެ. ބައެއް މީހުންނަކީ ބަލާބެލުމަށް ހިތްކިޔާ ކެންޑިޑޭޓުންނަށް ވޯޓުދޭ މީހުންނެވެ. އެ ކެންޑިޑޭޓެއްގެ ސިޔާސީ ގާބިލިއްޔަތުކަމަށް "އީ" ގުރޭޑު ނުލިބުނަސް ވަރިހަމައެވެ.

ވޯޓުލާ މަރުކަޒަށް ގޮސް އެންމެ ރަނގަޅު ކެންޑިޑޭޓަށް ވޯޓު ދިނުމަކީ މުސްތަގުބަލަށްޓަކައި ކުރާ ބޮޑު އިންވެސްޓްމަންޓްއެކެވެ. އެކަމަކު މި އިންވެސްޓްމަންޓް ކުރުމަށް ގިނަ މީހުންނަކީ ހަގީގަތުގައި ކުފޫ ހަމަވާ ބައެއް ނޫނެވެ. އަދި މިފަދަ ކަމަކަށް އިންވެސްޓްމަންޓް ކުރާނެ ވަގުތެއްވެސް ގިނަ މީހުންނަކަށް ނޯވެއެވެ.

ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް މިއީ މުހިންމު އިންތިހާބުތަކެއް ބޯމަތިވެފައިވާ ދަނޑިވަޅެކެވެ. އިނގިރޭސިވިލާތުގެ ކުށްލި އިންތިހާބާ، އެމެރިކާގެ ރިޔާސީ އިންތިހާބަށް ވަރުގަދަ ކެމްޕޭންތައް ކުރިއަށްދާއިރު، ރާއްޖޭގައިވެސް އޮތީ ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަންވެފައެވެ.

ކަންމިހެން އޮތްއިރު މަސްނޫއީ ތޫނުފިލިކަން (އާޓިފިޝަލް އިންޓަލިޖަންސް) ނުވަތަ އޭއައިގެ އެހީގައި ކެންޑިޑޭޓަކު ހިޔާރުކުރަން ދޫކޮށްލުން ކިހިނެއްވާނެބާއެވެ؟

ވިލާތުގައި އޮތީ މިކަން ތަޖުރިބާވެސް ކޮށްފައެވެ. ޔޫރަޕިއަން ޕާލަމަންޓަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުދިން ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ ޝަރުތުތަކަށް ފެތޭ ކެންޑިޑޭޓަކު ހިޔާރު ކުރުމަށް އޭއައި ޓެކްނޮލޮޖީގެ އެހީ ހޯދާފައެވެ. މި މީހުން ވޯޓުދިނީ އެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ޓޫލްއެއް ނުވަތަ 'ރޮބޮޓެއް' ބޭނުންކޮށްގެންނެވެ. އެއީ "ވޯޓްމެޓާޒްޑޮޓްއީޔޫ" ކިއާ ޓޫލްއަކަށްވާއިރު، ދުނިޔޭގެ އެހެން ހިސާބުތަކުގައި މިފަދަ ވަސީލަތްތައް ބޭނުން ނުކުރަންވީ ކީއްވެ ހެއްޔެވެ؟

އެމެރިކާއިން ދަނީ ކުރިއަށް އޮތް 2020 ވަނަ އަހަރު އެގައުމުގައު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް މިފަދަ ޓޫލްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސީދާ ވޯޓުލާ މަރުކަޒުގައި މިފަދަ ރޮބޮޓެއް ބޭނުން ކުރެވޭ ދަރަޖައަށް ތަރައްގީ ނުވިއެއް ކަމަކު، ވޯޓުލާން ދިއުމުގެ ކުރިން ހުރިހާ ކަމަކަށް ގާބިލު ކެންޑިޑޭޓަކު ހޯދޭނެ މަސްނޫއީ ރޮބޮޓެއް މި ރާއްޖެއަށް ބޭނުމެއް ނުވޭ ހެއްޔެވެ؟