އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށްޓަކައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ހިންގާ ތަހުގީގު ފުރަތަމަ އަޑުއެހުމަށް ވަޑައިގަތުމުގެ ދައުވަތު، ޓްރަމްޕަށް އަރުވައިފިއެވެ.
މި އަޑުއެހުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން އަދި އިދިކޮޅު ޑިމޮކްރަޓިކް މެމްބަރު ޖެރަލްޑް ނެޑްލާ ވަނީ މިކަމުގައި ޓްރަމްޕަށް އޮތީ 2 ގޮތެއް ކަމަށް އިޝާރާތް ކުރައްވާފައެވެ. އެއީ މަޖިލީހުގައި ކުރިއަށް ގެންދާ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުން ނުވަތަ މިމައްސަލަ ކުރިއަށްދާ ގޮތާ ގުޅިގެން ކުރައްވަމުންދާ ޝަކުވާތައް ހުއްޓަވާލެއްވުން ކަމަށެވެ.
މިއީ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރު ޒެލެންސްކީއާއި ޓްރަމްޕްއާއި ދެމެދު މިއަހަރުގެ ޖުލައި މަހު ހިނގާދިޔަ ފޯނުކޯލަކާ ގުޅިގެން ޓްރަމްޕް އަޒުލުކުރުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އިންކުއަރީގައި ދެން އޮތް މަރުހަލާކަމަށްވާއިރު، އަޑުއެހުމަށް ޓްރަމްޕް ވަޑައިގަންނަވައިފިނަމަ، ހެކީންގެ ގޮތުގައި ބަޔާން ދޭ ފަރާތްތަކާ ސުވާލު ކުރެއްވުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ.
މި ފޯނު ކޯލަކީ ޓްރަމްޕްގެ ސިޔާސީ ވާދަވެރިޔާ ޖޯ ބައިޑްންއާއި އޭނާގެ އާއިލާއާއި ދެކޮޅަށް ތަހުގީގެއް ހިންގާ، އެމެރިކާގައި 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ނުފޫޒު ގަދަ ކުރެއްވުމަށް މަގާމުގެ ނާޖާއިޒު ބޭނުން ހިއްޕަވައިގެން ޓްރަމްޕް ހިންގެވި އަމަލެއް ކަމަށް ބުނެވެއެވެ. މިއީ އިދިކޮޅު ޑިމޮކްރަޓުންގެ ދައުވާއެއް އެކަންޏެއް ނޫނެވެ. ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ، ވެރިކަން ކުރާ ރިޕަބްލިކަންސް މެމްބަރުންގެ ތެރޭގައިވެސް ޓްރަމްޕްއާއި ދެކޮޅަށް ތިއްބެވި މެމްބަރުން އެބަ ތިއްބެވިވެއެވެ.
ޓްރަމްޕްއާއި ދެކޮޅަށް ހިންގާ އިންކުއަރީ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ބައިޑަންއާއި އޭނާގެ އާއިލާއާއި ދެކޮޅަށް ތަހުގީގު ހިންގުމަށް ޔޫކްރައިންއަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެމެރިކާއިން ޔޫކްރައިންއަށް ދޭ އެހީތަކަށް ޓްރަމްޕް ހުރަސް އަޅުއްވައިގެން 'ބްލެކްމެއިލް' ކުރާ އުސޫލުން ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އިންކުއަރީއާއި ސިއްރު އިންޓަވިއުތައް ދެ ހަފުތާއެއްހާ ދުވަހަށް ފަހު މިހާރު ވަނީ ނިންމާލާފައެވެ.
މިމައްސަލައިގެ އަޑުއެހުންތަކަށް ފަހު ތިރިގެއިން ގޮތެއް ނިންމުމުން އެ މައްސަލަ ދެން ދާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ރިޕަބްލިކަންސްގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ ސެނަޓަށެވެ. ސްނެޓްގެ މެމްބަރުންގެ 3 ބައިކުޅަ 2 ބައި (67 ޕަސެންޓް) ވޯޓު ޓްރަމްޕްއާއި ދެކޮޅަށް ނިކުމެއްޖެނަމަ އެމެރިކާގެ ރައީސް ކަމުގެ މަގާމުގެ ޓްރަމްޕް އަޒުލުކޮށް، ގައުމުގެ ހިންގުން ނައިބު ރައީސްއާއި ހަވާލުކުރެވޭނެއެވެ.