މި ސަރުކާރުގައި އޮންނަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ނޫން ކަމަށާއި، އެއީ "ޒީރޯ ސޯލިހް" ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ދީބާޖާއަށް ދޭ ބަދަލަކީ ސިޔާސީ ގޮތުންދޭ ބަދަލެއް ކަމާމެދު އޭނާއަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ މިލްކިއްޔާތުން ކޮންމެ ނަމެއްގައި ވިޔަސް، ފައިސާ ނަގާ ވެރިކަން ކުރާ ޕާޓީގެ މީހުންނަށް ބެހިއަސް، އެ ވާނީ ވައްކަމަށް ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ބަދަލުގެ ގޮތުގައި ކުރަމުންދާ ވައްކަމަށް ޒިންމާ އުފުލަން ޖެހޭ ދުވަހެއް އަދި އަންނާނެ ކަމަށާއި، އެ މައްސަލައިގެ ޝަރީއަތް ލައިވް ކޮށްގެން ވެސް ހިންގާނެ ކަމަށެވެ.

އިޓްސް ނޮޓް ޒީރޯ ޓޮލެރެންސް، އިޓްސް ޒީރޯ ސޯލިހް
އުމަރު

ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައި ވާކަން ހާމަކުރެއްވުމާ ގުޅިގެން އުމަރު ވިދާޅުވީ، މި ސަރުކާރުގައި އޮންނަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ނޫން ކަމަށާއި، އެއީ 'ޒީރޯ ސޯލިހް' ކަމަށެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމަވާފައި ވަނީ ސެޓްލްމަންޓް ކޮމިޓީއިން އެގޮތަށް ލަފާދީފައިވާތީ ކަމަށާއި، ނަމަވެސް މި އަދަދު ދޫކުރާނީ އެއްކޮށްތޯ ނުވަތަ އިންސްޓޯލްމަންޓަށްތޯ އަދި ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވަނީ ވިދާޅުވެފައެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ.

އެ ކުންފުންޏަށް އެއްބަސްވުމުގެ ދަށުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަންވެސް ލާޒިމްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ބިންތައް ދީބާޖާއަށް ދޫކޮށްފައެއް ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމާ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރުމުން، ދީބާޖާއިން ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު ސަރުކާރުން ވަނީ އެއީ އެންމެ އެ ކުންފުންޏަށް ދޭން އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ބުނެ، އެ އަދަދު ނެގޯޝިއޭޓް ކޮށްފައެވެ.