ޖިންސީ ޝިކާރައެއްގެ ގޮތުގައި ކުޑަކުދިންގެ ނާޖައިޒު ފައިދާ ނަގަމުންދިޔަ ޕެޑޮފައިލް ނެޓްވާކެއް ފަޅާއެރި މައްސަލައާ ގުޅިގެން އަފްގާނިސްތާނުގެ ޖާސޫސީ އިދާރާއިން ޝަރުއީ އިމުން ބޭރުން ހައްޔަރު ކޮށްފައިވާ 2 ފިރިހެނުން މިނިވަން ކުރުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލައިފިއެވެ.

ޖިންސީ ގޯނާގެ ލާއިންސާނީ އަނިޔާގެ މައްސަލައަކީ އަފްގާނިސްތާނުގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކަންމިހެން އޮތްއިރު ޖިންސީ ގޯނާގެ އަނިޔާ ކުރާ މީހުންނަށްވުރެ އެކަމުގެ އަނިޔާ ލިބޭ ފަރާތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުން އިންތިހާއަށް އޮތުމުގެ ސަބަބުން، މިފަދަ މައްސަލަތައް ރިޕޯޓްކުރާ ކުދިންގެ އަދަދުވެސް މަދެވެ. މިއީ އަފްގާނިސްތާނުގެ ފިރިހެން ކުދިންނަށް އާންމު މައްސަލައެއް ކަމަށް ޚަބަރުތައް ބުނެއެވެ.

އެމްނެސްޓީއިން މިނިވަން ކުރުމަށް ގޮވާލާ 2 މީހުންނަކީ މޫސާ މަހްމޫދީއާއި އިހްސާނުﷲ ހާމިދީ ނަމަކަށް ކިއާ 2 މީހުންނެވެ. އެ 2 މީހުން ހައްޔަރުކޮށްފައިވަނީ ކާބުލްގައި ހުންނަވާ ވިލާތުގެ އިއްތިހާދުގެ އެމްބެސެޑަރާ ބައްދަލުކުރުމަށް ތިޔަ މަގުމަތީގައި ކަމަށް އެމްނެސްޓީއިން ބުނެއެވެ.

އެ 2 މީހުންނަށް ނުހައްގުން އަދަބުތަކެއް ދިނުމުގެ ބަދަލުގައި އަފްގާނިސްތާނުން އެމީހުންނަށް ތައުރީފު ކުރަންޖެހޭ ކަމަށް އެމްނެސްޓީއިން ބުނެއެވެ.

މަހްމޫދީއަކީ ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ދާދިފަހުން ގާޑިއަން ނޫހަށް މައުލޫމާތު ދެމުން އޭނާ ވަނީ ޕެޑޮފައިލް ރިންގުގައި އަފްގާނިސްތާނުގެ ޓީޗަރުންނާ ސަރަހައްދީ އޮފިޝަލުންވެސް ބައިވެރިވާކަން ހާމަކޮށްފައެވެ.

ގާޑިއަން ރިޕޯޓްކުރި ގޮތުގައި މި ރިންގުގެ ޝިކާރައަކަށްވި ކުޑަ ފިރިހެން ކުދިންގެ އަދަދު 546 އަށް އަރައެވެ. މީގެ ތެރެއިން ބައެއް ކުދިން މަރާލާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

މިކަމާ ބެހޭ ގޮތުން އަފްގާނިސްތާނުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ.