ށ. މާއުނގޫދޫގެ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ތިބި ދޯނި ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދޫގައި ހިނގާދިޔަ ހާދިސާއާ ގުޅޭމީހުންނާ ގުޅޭގޮތުން މިއަދު މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓާ ވިދާޅުވީ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ކުރި ތަހުގީގުން އެކަން ކުރި މީހުން ތިބި ދޯނި ހޯދިފައިވާ ކަމަށެވެ. އަދި ދޯނި މިވަގުތު އޮތީ ކަނޑުމަތީގައި ކަމަށާއި އެކަން ކުރި މީހުން ހޯދުނުހާ އަވަހަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މި މައްސަލައިގައި މާއުނގޫދޫ ކައުންސިލުން މީގެކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބަޔަކު އެރަށަށް އަރާފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެއެވެ. އަދި އެރަށަށް އެރި މީހުން އައިއެސްގެ ދިދައިގެ ޕްރިންޓެއް ފާރުތަކަށް ސްޕްރޭ ކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް އަރާފައި ވަނީ ހުއިފިލަނޑާ ނަގާ ދޯންޏެއްގެ ބަޔަކު ކަމަށް މާއުނގޫދޫ މީހަކު މައުލޫމާތު ދީފައި ވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެރަށަށް އެރި މީހުން ފާރުތަަކަށް ސްޕްރޭ ކުރަން ސްޕްރޭ ގަތީވެސް މާއުނގޫދޫގައި ހުރި ފިހާރައަަކުން ކަމަށެވެ. އަދި އެރަށަށް އެރީ ހަތަރު މީހުން ކަމަށާއި، އެމީހުން އެރީ ހުކުރު ދުވަހުގެ ރޭގެ އިރާކޮޅު ކަމަށް އެމީހުން ސްޕްރޭ ގަތް ފިހާރައިގެ މީހަކު މައުލޫމާތު ދީފައިވާ ކަމަށް ވެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހަރަކާތްތެރިވަމުންދާ ކަމަށާއި އެފަދަ ޖަމާއަތްތަކަށް ނިސްބަތްވާ ސެލްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާ ތަހުގީގު ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.