ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައަކީ 2017 ވަނަ އަހަރު ހިނގާދިޔަ ހާދިސާއެއް ކަމަށާއި އެމައްސަލަ ބަލައި ޓީޗަރަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެސުކޫލުން ބުނެފިއެވެ.

ސީއެޗްއެސްއީގެ ޓީޗަރެއް ކުދިންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަމުންދާ ކަމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެމިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ސީއެޗްއެސްއީގެ އިސްލާމް ޓީޗަރެއް ކަމަށްވާ ހަސަން ޒަރީރު ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން ދަރިވަރުން ކަނބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ޒަރީރުގެ ފަރާތުން ފެނިފައިވާ ކަންތައް ކަމުގައި ބެލެވޭ ކަމަށެވެ. އަދި މިފަދަ ކަންތައްތަކަކީ އިތުބާރުކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތަކާމެދު ހިންގައިގެންވާނެ ފަދަ އަމަލުތައް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން ސީއެޗްއެސްއީ އިން ރޭ ކުރި ޓްވީޓެއްގައި ބުނީ އެކޭސް އަކީ 2017 ވަނަ އަހަރު ދަރިވަރުންގެ ފަރާތުން ހުށަހެޅި ކޭސްއެއް ކަމަށާއި އެމައްސަލަ ބަލައި ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ދަރިވަރުންގެ މި ކޭސް 2017 ގައި އަޅުގަނޑުމެންނާއި ހަމައަށް ގެނައި ވަގުތުން ފެށިގެން އެޓީޗަރު ކުލާސްތަކަށް ނުފޮނުވައި، އެޑިއުކޭޝަން މިނިސްޓްރީއަށް އަންގައި އެމިނިސްޓްރީގެ ލަފާގެ މަތިން މި މައްސަލަ ބަލައިފައިވާ ކޭސްއެއް،" ސީއެޗްއެސްއީގެ ޓްވީޓްގައިވެއެވެ.

އެކޭސްއާ ގުޅުންހުރި ހުރިހާ ދަރިވަރުންގެ ބަޔާންތައް ނަގައި މިނިސްޓްރީއާ ހިއްސާކުރެވި، މިނިސްޓްރީން އެމައްސަލާގައި ޑިސިޝަން ނަގާފައިވާ ކޭސްއެއް ކަމަށްވެސް ސީއެޗްއެސްއީގެ ޓްވީޓްގައިވެއެވެ.

މިނިސްޓްރީން ވަނީ ދަރިވަރެއްގެ ޖިސްމަށް، އަބުރަށް އަދި ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދަރިވަރުންނާއި ބެލެނިވެރިންނަށް އަރުވާފައެވެ.