އެމެރިކާގެ ހޮސްޕިޓަލެއްގައި ސާޖަރީ ހެދުމަށް ބޭނުންކުރާ އާލާތްތަކެއް އެކަށީގެންވާ ގޮތެއްގައި ސާފުކޮށް ސްޓްރެލައިޒް ކުރެވިފައި ނުވާތީ، 1000 އަށްވުރެ ގިނަ މިހުން ނުރައްކާތެރި ބަލިތަކަކަށް ހުށަހެޅިފައިވާ ކަމުގެ ބިރު އުފެދިއްޖެއެވެ.

އެމެރިކާގެ ގޯޝޭން ހޮސްޕިޓަލުގައި ސާޖަރީ ހަދަން ބޭނުންކުރާ އާލާތްތައް އެކަށީގެންވާ ގޮތެއްގައި ސްޓްރެލައިޒް ކުރެވިފައި ނުވާތީ، އެ ހޮސްޕިޓަލުން ސާޖަރީ ހެދި ޕޭޝަންޓުން އެޗްއައިވީއާއި، ހެޕަޓައިޓިސް ސީއާއި ބީއަށް ހުށަހެޅިފައިވުމުގެ ފުރުސަތު ބޮޑު ކަމަށް ޚަބަރު ލިބެއެވެ.

ސާޖަރީ ހަދަން ބޭނުން ކުރާ އާލަތްތަކަކީ ގިނަ މަރުހަލާތަކެއް ހިމެނޭ ގޮތަށް ސްޓްރެލައިޒް ކުރާ އާލަތްތަކަށްވާއިރު، ގޯޝޭން ހޮސްޕިޓަލުން މިފަދަ މައްސަލައެއް ފެންމަތިވީ، އާލާތްތައް ސްޓްރެލައިޒް ކުރަން ހުރި ޓެކްނީޝަނަކަށް އެއް މަރުހަލާ ދޫކޮށްލެވިގެން ކަމަށް ގޯޝޭން ހޮސްޕިޓަލުގެ މާކެޓިންގް ސްޕެޝަލިސްޓް ލިޒް ފިޝާ ވަނީ ހާމަކޮށްފައެވެ.

އެޗްއައިވީ އާއި ހެޕަޓައިޓިސް ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅިފައިވާ ޕޭޝަންޓުންނަކީ މިއަހަރުގެ އޭޕްރިލް މަހާ ސެޕްޓެމްބަރު މަހާ ދެމެދު އެ ހޮސްޕިޓަލުން އެކި ކަހަލަ ސާޖަރީތައް ހެދި 1182 ޕެޝަންޓުން ކަމަށްވާއިރު، އެމީހުންނަށް ނޯޓިފިކޭޝަން ދީފައިވާނެ ކަމަށް ފިޝާ ބުނެއެވެ. އަދި ނުރައްކާތެރި ވައިރަސްތަކަށް ހިލޭ، ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާދެވޭނެ ކަމަށްވެސް ފިޝާ ވަނީ ހާމަކޮށްފައެވެ.

އެކަށީގެންވާ ގޮތެއްގައި ސާޖަރީ އާލާތްތައް ސްޓެރެލައިޒް ކުރެވިފައި ނުވި ނަމަވެސް، މި މަރުހަލާގެ ތެރެއިން ނުރައްކާތެރި ވައިރަހުގެ އަސަރު ކުރުމަށް އޮތީ ކުޑަ ފުރުސަތެއް ކަމަށް ގޯޝޭން ހޮސްޕިޓަލުން ބުނެއެވެ.

ސިއްހީ ދާއިރާގައި ހިނގާ މިފަދަ އެކި އިހުމާލުތަކުން އަނިޔާ ތަހައްމަލުކުރަންޖެހޭ މީހުން، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅެއެވެ. ނަމަވެސް މިފަދަ ކަންކަމަށް ޒިންމާ ނަގަނީ މަދު ހޮސްޕިޓަލަކުންނެވެ.