"މިއީ ހަމަ އަޖައިބެއް"
މިއީ ދުވަސް ނުފުރާ މި ދުނިޔެއަށް އުފަންވާ ކުދިންގެ ތެރެއިން މިފަހަރުގެ ތާރީހެއްގައި އުފަންވި އެންމެ ހަގު ދެބެން ކަމަށްވާ ކީލީއާއި ކެމްބްރީ އެވޯލްޑްޓް، އެ ދެބެންގެ ފުރަތަމަ އުފަން ދުވަސް ފާހަގަކުރި ޚަބަރާއެކު، އެންއައިސީޔޫގެ މެޑިކަލް ޑައިރެކްޓަރު ޖޮނަތަން ކްލެއިން އަނގައިން ފުރަތަމަ ނިކުތް ބަސްތަކެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އިވޯލްޑްޓްގެ އެއްމާބަނޑު ދެބެން އުފަންވީ އެމެރިކާގެ ޔުނިވާސިޓީ އޮފް އައޮވާ ހޮސްޕިޓަލްސް އެންޑް ކްލިނިކްސްއަށެވެ. އެ ދެބެއިން އުފަންވީ މައިމީހާގެ ބަނޑުގައި ގަރުބަގަތްތާ އެންމެ 22 ހަފުތާއާއި 1 ދުވަސް ނުވަތަ ޖުމަލަ 155 ވަނައަށް ވީ ދުވަހުއެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ 125 ދުވަސް ހަގުކޮށެވެ.
އުފަންވީއިރު ކީލީ (ޓްވިން-އޭ)ގެ ބަރުދަނުގައި ހުރީ 490 ގުރާމެވެ. ކެމްބްރީ (ޓްވިން-ބީ)ގެ ބަރުދަނުގައި ހުރީ 379 ގުރާމެވެ. އެދުވަހު އެ ދެބެއިން ފެނުނު މީހުން ސިފަކުރާ ގޮތުގައި ހީވަނީ ޖެލީ ކޮޅެއް ހެންނެވެ. އެހާވެސް ނާޒުކެވެ. ބޮޑުވާ ބިއްލޫރިކޮޅަކާ ނުލާ އެ ދެބެއިންގެ އަތްފައިގެ އިނގިލިތަކާ ނިޔަފަތިވެސް ވަކިނުވާހާ ކުޑައެވެ.
ދުނިޔެއަށް އުފަންވުމާއެކު މި ދެބެއިންނަށް ފަރުވާ ދޭން ފެށީ ޑރ ކްލެއިންގެ ބެލުމުގެ ދަށުން، ޔުނިވާސިޓީ އޮފް އައޮވާ ސްޓީޑް ފެމިލީ ޗިލްޑްރަންސް ހޮސްޕިޓަލުގައެވެ.
"ދެބެންގެ ހާލުވެސް ރަނގަޅު. މިހާރު 6 މަހުގެ ކުއްޖެއްގެ ވައްތަރު ޖަހާލައިފި" ގޭގައި ހުރެ ވާހަކަ ދައްކަމުން އެ ދެބެއިންގެ މަންމަ ޖޭޑް އެވޯލްޑްޓް ބުންޏެވެ.
އެވޯލްޑްޓްގެ އެއްމާބަނޑު ދެބެއިންނަށް އަދިވެސް އޮކްސިޖަން ގުޅައެވެ. މިއީ ބަނޑަށް 22-24 ހަފުތާގައި އުފަންވާ ކުދިންނަށް އާންމު ކަމެކެވެ. އުމުރުން ގާތްގަނޑަކަށް 24 މަސް ފުރެންދެން މިކުދިންނަށް އޮކްސިޖަން ދޭންޖެހެއެވެ.
އެވޯލްޑްޓް އާއިލާއިން ބުނާ ގޮތުގައި މި ނޮވެމްބަރު މަހަކީ އެއާއިލާއަށް ހާއްސަ މަހެކެވެ. މިއީ އެއާއިލާއަށް އެއްމާބަނޑު ދެބެން އުފަންވި މަހަށް ވާއިރު، ނޮވެމްބަރު މަހަކީ، ދުވަސްނުފުރާ އުފަންވާ ކުދިންނަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާ މަސްވެސްމެއެވެ.
ދުވަސްނުފުރާ އުފަންވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހިނގާ ކަމެކެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުން އެމެރިކާއަށް ބަލާލި ކަމުގައި ވީ ނަމަވެސް ކޮންމެ 10 ކުއްޖަކުން 1 އަކީ ދުވަސް ނުފުރާ ވިހާ ކުއްޖެކެވެ.
ދުނިޔޭގެ ރެކޯޑްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައި ގިނިސް ވާލްޑް ރެކޯޑްސްއިން ބުނާ ގޮތުގައި މިވަގުތު ދުނިޔޭގައި އެންމެ ހަގު "ޕްރީމީ"ގެ ރެކޯޑް އޮންނަނީވެސް އިވޯލްޑްޓްގެ ދެބެއިންގެ އަތުގައެވެ.