ލަނޑާ ނަގަން ނުކުމެ އުޅުނު ދޯންޏެގައި ހިނގި މާރާ މާރީއެއްގައި ރ. މަޑުއްވަރީ ޒުވާނަކު ހާލު ސީރިއަސްވެ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެނެސްފައިވާ އިރު މިހާރު އެނާގެ ހާލު ރަނަގޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިދިިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި އެހާދިސާގައި ޒަހަމްވެފައި ވަނީ ރ. މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

އައިޖީއެމްއެޗްގެ މިޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު އޭނާގެ ހާލު މިކޮޅަށް ގެނައި އިރަށްވުރެ ސްޓޭބަލް ކަމަށެވެ. އޭނާގެ އަނގަ އިރައިގެން ގޮސްފައިވާ ތަން ވަނީ ސްޓިޗްކޮށްފައި ކަމަށާއި ބޮލުގެ ފުއްކިބައިން ހަލާކުވެފައިވާ ތަންވެސް ވަނީ ސްޓިޗްކޮށްފައި ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ. އަދި މިހާރު އޭނާ މަޑުމަޑުން ވާހަކަ ދައްކަން މަސައްކަތް ކުރާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލަނޑާ ނަގަން ދިޔަ ދޯނީގައި ތިބި ތިން މީހުންގެ މެދުގައި ދެކެވުނު ދީނީ ވާހަކަތަކެއްގައި ދެބަސްވުމުގެ ސަބަބުން ހިނިގި މާރާމާރިއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދެބަސްވުމުގައި ހިނގި މާރާމާރީގައި އެ ޒުވާނާގެ އަނގަ އިރާލާ ބޮލުގެ ފުއްކިބައަށް ވަނީ ހަމަލާދީފައެވެ. އަދި ހަށިގަނޑުގެ 8 ތަނަަކަށް ޒަހަމް ދީފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެމީހާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފަރުވާ ދިނުމަށް މާލޭއަށް ގެނެސް އައިޖީއެމްއެޗުން ފަރުވާ ދޭން ފަށާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދަށް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެމީހާއަކީ އެހާދިސާގައި ޒަހަމްވި ފަރާތަށް ހަމަލާ ދިން މީހާ ކަމަށްވެސް ފުލުހުން ބުނެއެވެ.