ހޮންގްކޮންގްގައި އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާ ކޮންމެ ކޮޅަކަށް ބުރަވި ކަމުގައި ވީ ނަމަވެސް، ހޮންގްކޮންގް ދެމި އޮންނާނީ ޗައިނާގެ މައި ސަރުކާރުގެ ދަށޫން ހިންގާ އިދާރީ ދާއިރާއެއްގެ ގޮތުގައި ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝީންޒޯ އަބޭއާއި ބައްދަލުކުރެއްވުމަށް އެގައުމަށް ވަޑައިގެން މިހާރު އުޅުއްވާ ވޭންގް ވިދާޅުވީ، ހޮންގްކޮންގް "ގަޑުބަޑުކޮށް" މުދަލާ ތަކެއްޗަށް ގެއްލުންދީ، ހަމަޖެހުން ނަގާލަން ބަޔަކު ކުރާ މަސައްކަތަށް ކާމިޔާބު ނެތް ކަމަށެވެ.

ކަންމިހެން އޮތްއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން 452 ދާއިރާގެ ތެރެއިން 333 ދާއިރާގެ އަގުލަބިއްޔަތު ގެންގޮސްފައިވަނީ ޗައިނާގެ މައި ސަރުކާރާ ދެކޮޅަށް ވަކާލާތުކުރާ، އަދި ހޮންގްކޮންގްއަށް ޑިމޮކްރަސީ ގެނައުމަށް ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ އެކްޓިވިސްޓުންގެ ފެކްޝަނުންކަން ފާހަގަކުރަންޖެހެއެވެ.