އެމެރިކާގެ ޓެކްސަސްގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އަސްކަރިއްޔާގެ ކުރީގެ ނޭވީ މެންބަރު ރޮނާލްޑް ވޭން ވައިޓް މަރުވެފައިވަނީ މީގެ 3 އަހަރެއްހާ ދުވަސް ކުރިން ކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ރޮނާލްޑް ވޭން ވައިޓްގެ ހަށިގަނޑު ފެނިފައިވަނީ އޭނާ އެންމެ ފަހުން ދިރިއުޅުނުކަން އެނގިފައިވާ އެޕާޓްމަންޓްގެ ބަދިގެ ތެރެއިންނެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ، ސަރަހައްދުގައި ހަރުކޮށްފައިވާ ވޯޓާސަޕްލައި ޔުނިޓްތަކުގެ މީޓަރު ނުހިނގާ ނުވަތަ ބޭނުން ނުކޮށް ހުރި އެޕާޓްމަންޓްތައް ބަލާ ފާސްކުރުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގުގައި، ރޮނާލްޑް ވޭން ވައިޓް ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގެ ދޮރު، ގަދަކަމުން ވައްޓާލައިގެން ވަން ހިސާބުންނެވެ.
ވައިޓް ހޯދަން އާއިލާއިން ކުރި މަސައްކަތް
ރޮނާލްޑް ވޭން ވައިޓްގެ އާއިލާއިން ބުނީ އޭނާއަށް ވީ ގޮތެއް ނޭނގި، ޚަބަރެއް ނުވާތާ ގިނަ ދުވަސް ވެގެން ކަމާ ބެހޭ ފަރާތްތަކަށް ތަކާރުކޮށް ރިޕޯޓްކޮށްފައިވާނެ ކަމަށާ، ނަމަވެސް އެ މައްސަލަ ބަލައިގަނެފައި ނުވާ ކަމަށެވެ.
2016 ވަނަ އަހަރު އުމުރުން 51 އަހަރު ފުރިފައި ހުންނާނެ ކަމަށް ބެލެވޭ ވައިޓް، އެމެރިކާ ނޭވީ ދޫކޮށްލުމަށްފަހު މަސައްކަތް ކުރަމުން އައީ ޑިފެންސް ކޮންޓްރެކްޓަރެއްގެ ގޮތުގައެވެ. އަދި ކައިވެނި ރޫޅުނު ހިސާބުން އޭނާ ދިރިއުޅެމުން އައީ އެކަނި ކަމަށާ، ކުރަމުން އައި މަސައްކަތާ ގުޅުންހުރި ދަތުރުތަކުގައި ފުދޭ ވަރަކަށް ގިނައިން ގައުމުން ބޭރަށްވެސް ދަތުރުކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ނިއު ޔޯކްގައި ދިރިއުޅެމުންދާ ވައިޓްގެ މަންމަ ޑޯރިސް ސްޓީވަންސް ބުނީ، އޭނާގެ ދަރިފުޅަކީ ގަވައިދުން ޚަބަރު ކުރަމުންދިޔަ މީހެއް ކަމަށާ، އެ ދަރިފުޅުގެ ފަރާތުން އެއްވެސް ޚަބަރެއް ނުލިބޭތާ މިހާރު 3 އަހަރު ވެފައިވާކަމަށެވެ.
ދަރިފުޅުގެ ޚަބަރެއް ނުވާތީ ކަމާބެހޭ ފުލުހުންގެ އެކި އިދާރާތަކަށް މައްސަލަ ހިފައިގެން ދިޔަ ކަމަށާ، ނަމަވެސް ދަރިފުޅަކީ ތަސައްރަފު ފުދިފައިވާ ބޮޑު މީޙަކަށްވެފައި، މަސައްކަތް ހުންނަ ގޮތުން ފުދޭ ވަރަކަށް ދަތުރުކޮށް އުޅޭތީ، ގެއްލިފައިވާ މީހަކު ހޯދާ އުސޫލުން ރަސްމީ ތަހުގީގެއް ހިންގެން ނެތްކަމަށް އެ ފަރާތްތަކުން ޑޯރިސްއަށް އަންގާފައިވާކަމަށްވެސް ވައިޓްގެ މަންމަ ބުނެއެވެ.
ދަރިފުޅުގެ މަރާ ގުޅިގެން ޑޯރިސްގެ ހިތުގައި ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. މިވީހާ ދުވަހު އެ ދަރިފުޅު، އެ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮތްކަން އެއްވެސް މީހަކަށް ނޭނގުނީ ކީއްވެތޯ ކުރެވޭ ސުވާލަކީ ބޮޑު ސުވާލެވެ.
ވައިޓްގެ ހަށިގަނޑު ކުރިން ނުފެނުނީ ކީއްވެ؟
ވައިޓް ދިރިއުޅެމުންދިޔައީ އެޕާޓްމަންޓް ކޮމްޕްލެކްސް އިމާރާތެއްގެ 3 ވަނަ ފަންގިފިލާގައި އެންމެ ކަނަށް ވާކަހަލަ ގޮތަކަށް ހުންނަ ޒަމާނީ އެޕާޓްމަންޓްއެއްގައެވެ. އެޕާޓްމަންޓްގެ ދޮރުތަކަކީ ރަނގަޅަށް އިންސިއުލޭޓްކޮށްފައި ހުރި ދޮރުތަކަކަށް ވާއިރު، އެ އެޕާޓްމަންޓްގެ އެއްވެސް ދޮރެއް ހުޅުވިފައެއް ނެތެވެ. އެހެންކަމުން، މީހަކު މަރުވެ، ހަށިގަނޑު ކުނިވަމުން ދިޔައިރު އެއްވެސް ވަހެއް ބޭރު ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެޕާޓްމަންޓްގެ ވެރި ފަރާތުން ބުނި ގޮތުގައި ވައިޓްއަށް ކުއްޔަށް ދޫކޮށްފައި ހުރި އެޕާޓްމަންޓަށްވާ ކުލީގެ ފައިސާ ބަރާބަރަށް ލިބެމުން ދިޔައެވެ. އެހެންކަމުން، އާދަޔާ ހިލާފު އެއްވެސް ކަމެއް ހިނގިކަން އޭނާއަށްވެސް ރޭކާނުލުން އެކަށީގެންވެއެވެ. ވައިޓްގެ އެޕާޓްމަންޓަށްވާ ކުލީގެ ފައިސާ، އެޕާޓްމަންޓްގެ ވެރި ފަރާތަށް ދަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށް އޮންލައިންކޮށެވެ. މި ފައިސާ ކެނޑެނީ، އަސްކަރިއްޔާގައި ހިދުމަތްކުރުމަށްފަހު ރިޓާޔާކުރުމުން ފައިސާ ޖަމާވަމުންދާ އެކައުންޓުންނެވެ. އެހެންކަމުން، އެ އެކައުންޓުން ފައިސާ ހުސްނުވުމަކީވެސް އެޕާޓްމަންޓްގެ ވެރި ފަރާތުން ސުވާލު އުފައްދާނެ ޖާގަ ހަނިކުރި އިތުރު ސަބަބެކެވެ.
ކަންމިހެން އޮތްއިރު ވައިޓް ދިރިއުޅުނު އެޕާޓްމަންޓް ހުންނަ ކޮމްޕްލެކްސްގެ އެހެން އެޕާޓްމަންޓަކަށް ދިޔާ އެއްޗިހިތަކެއް ސީލިންގް ތެރެއިން ފައިބަމުންދާ ކަމުގެ ޝަކުވާ އެ ފަރާތަކުން ހުށަހެޅި ކަމަށް އިމާރާތުގެ ވެރި ފަރާތުން ބުނެއެވެ. އެއީ ވައިޓްގެ އަވަށްޓެރިއެކެވެ. އެ މައްސަލަވެސް އާދަޔާ ހިލާފު ކަމަކަށް ނުވީ، އިމާރާތުގެ މެއިންޓަނަންސް ޓީމުން ސީނަށް ގޮސް، ލީކުވަމުންދާ ދިއުމަށް ހައްލު ހޯދާ ދިނުމުންނެވެ.
ވައިޓް މަރުވެފައި އޮއްވާ ފެނުން
ފެން މީޓަރު ނުހިނގާ އެޕާޓްމަންޓްތައް ބަލާ ފާސްކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ހިންގި އޮޕަރޭޝަންގައި ވައިޓްގެ އެޕާޓްމަންޓްގެ ދޮރު ފަޅާލައިގެން ވަން އިރު އެތަނަށް ވަން މުވައްޒަފަށް ވައިޓްގެ ހަށިގަނޑު ފެނުނީ ބަދިގެ ސަރަހައްދުގެ ތަޅުންގަނޑު މަތިންނެވެ.
އެޕާޓްމަންޓް ތެރެއިން ފެނުނު އިތުރު ސާމަނަށް ބަލާއިރު، 2016 ވަނަ އަހަރަށް ތާރީހު ޖަހާފައިވާ ހަކުރުބަލީގެ ބޭސްތަކެއް ފެނުނެވެ. އަދި ވައިޓް ދުއްވި އެއްގަމު އުޅަނދުވެސް އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ހާއްސަކޮށްފައިވާ ގަރާޖުގައި ހިރަފުސް އަރާފައި އޮއްވާ ވަނީ ފެނިފައެވެ.
ވައިޓް މަރުވީ ކަނޑައެޅިގެން ކޮން އިރަކު، ކިހިނެއް ވެގެން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ވައިޓްގެ ހަށިގަނޑު އޭނާގެ އާއިލާއާއި ހަވާލުކުރަން ހަމަޖެހިފައިވަނީ އިތުރު ޓެސްޓުތަކެއް ހެދުމަށް ފަހުގައެވެ.