ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ހިމަބިހި ފެތުރި، މި ބަލީގައި މަރުވި މީހުންގެ އަދަދު 5000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ސަމޯއާގައި ހިމަބިހި ފެތުރެމުންދާއިރު މި ބަލީގައި މިހާތަނަށް 22 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރޭގައި މުޅުންހެންވެސް ހިމެނެނީ އުމުރުން 5 އަހަރުވެސް ނުފުރޭ ކުޑަކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

ސަމޯއާގެ ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ހިމަބިހި ޖެހިގެން 1700 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ހަފުތާ ބަންދު ތެރޭގައި އެކަނިވެސް 153 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ.

ސަމޯއާގައި ހަލުވިކަމާއެކު ހިމަބެހި ފެތުރެމުންދާތީ އެގައުމުގައި ވަނީ ކުށްލި ހާލަތުގެ ނުރައްކާ އިއުލާންކޮށްފައެވެ. ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައިވާއިރު، އުމުރުން 17 އަހަރުން ދަށުގެ ކުދިން، އާންމު ތަންތަނަށް ޖަމާވުން ވަނީ މަނާކޮށްފައެވެ. އަދި ވެކްސިން ދިނުމަކީ މަޖޫބުރުކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. ކުޑަކުދިންނާ ބެގޭ އދގެ އިދާރާ (ޔުނިސެފް)ގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ސަމޯއާއިގައި ވެކްސިން ޖަހާ ރޭޓް އުޅެނީ އެންމެ 28-40 ޕަސެންޓްއާއި ދެމެދުގައެވެ.

ސަމޯއާގެ އިތުރުން ޓޮންގޯއާއި ފީޖީގައިވެސް ވަނީ ކުށްލި ނުރައްކާ އިއުލާންކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާ ގޮތުގައި ހިމަބިހީގެ އިންފެކްޝަން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ހިމަބިހި ޖެހިގެން ރިޕޯޓްކުރި އަދަދު 4 ގުނަ އިތުރުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑިއާރްސީ)އަށް ބަލާއިރު މިލިއަނެއްގެ 4 ބައިކުޅަ 1 ބައި މީހުންނަށް ހިމަބިހި ޖެހިފައިވާއިރު، މިއަހަރުގެ މިހާތަނަށް 5000 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ.

ހިމަބިހިޖެހިފައިވާ ކުޑަކުއްޖެއް/ފޮޓޯ: ކްލީވްލަންޑް ކްލިނިކް ހެލްތް އެސެންޝަލްސް

ހިމަބިއްސަކީ ކޮބާ؟

ހިމަބިހީގެ ވައިރަހުގެ އަސަރު ކުރުމާއެކު ނޭފަތުން ފެންފައިބައޭ ބުނާ ޒާތަށް ރޯގާ ފައިބައެވެ. އަދި ކިނބިހިއެޅުމާއެކު ހުންވެސް އާދެއެވެ. މިއާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ އެކި ހިސާބުން ބިހިގަނޑުތަކެއް ގޮތަށް ފާރުވާން ފަށައެވެ.

ހިމަބިހީގެ ކުރީކޮޅު ފަރުވާ ދެވިއްޖެނަމަ ރަނގަޅުވުމުގެ ފުރުސަތު ގިނަ މީހުންނަށް ލިބެއެވެ. ނަމަވެސް މިއީ އުމުރު ދުވަހުގެ ނުކުޅެދުންތެރިކަމުގެ ތެރެއަށްވެސް ގިނަ ބަޔަކު ވައްޓާލާ ބައްޔެކެވެ. ވަކިން ހާއްސަކޮށް، ހިމަބިއްސާއެކު ނިއުމޯނިއާ ނުވަތަ އެންސެފަލައިޓިސް (ސިކުނޑި ދުޅަވުން) ފަދަ ބައްޔެއް ކުރިމަތިވެއްޖެނަމަ މި ނުރައްކާ ވަކިން ބޮޑުވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ހިމަބިހި ޖެހިގެން އަހަރެއްގެ މައްޗަށް 110000 މީހުން މަރުވެއެވެ.

ހިމަބިހިން ދުރުވުމަށް ޅައުމުރުގައި ދޭ ވެކްސިންގެ އެހީގައި ދުރުކުރެވެއެވެ. ނަމަވެސް ތަފާތު އެކި ގަބޫލުކުރުންތަކާއެކު މި ވެކްސިން ނުޖަހާ މީހުން މި ރާއްޖޭގައިވެސް އުޅޭ ކަމުގެ ޚަބަރުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.