އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ކަވަރުކުރަމުންދިޔަ ފަލަސްތީނުގެ ނޫސްވެރިޔާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މުޅި އަރަބި ދުނިޔޭގެ ސޯޝަލް މީޑިއާ އާބާދީ އާއި އިސްލާމީ އުއްމަތް ނިކުމެއްޖެއެވެ.

ފްރީލާންސް ނޫސްވެރިއެއްގެ ގޮތުގައި މުޒާހަރާތައް ކަވަރުކުރަމުންދިޔަ މުއާޒް އަމާރްނީއަށް ލިބުނު އަނިޔާގައި އޭނާގެ އެއް ލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. ހުކުރު ދުވަހުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިސްރާއީލުން ބާރުގެ ބޭނުން ކުރަމުންދިޔައިރު، އަމާނީގެ ލޮލަށް އަމާޒުވީ އިސްރާއީލުން ފޮނުވާލި ރަބަރު ވަޒަނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ އުދުވާންތަކުގައި ރަބަރު ވަޒަނެއް އަރާ ލޮލުގެ ފެނުން ގެއްލުނު ފަލަސްތީނުގެ ފްރީލާންސް ޖާނަލިސްޓް މުއާޒް (ވ) އަށް ހަމަލާ އަމާޒުވުމުން މީހަކު އޭނާއަށް އެހީވަނީ/ފޮޓޯ: އާރްޓީ

އަރަބި ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ނޫސްވެރިންވެސް ވަނީ އަމާރްނީގެ ދިފާއުގައި ތެދުވެފައެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ލޮލުގެ ފެނުން ގެއްލުމަކީ ނުސްވެރިއަކަށް އޭނާގެ ޒިންމާ، އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެޅޭ ބޮޑު ހުރަހެކެވެ.

އަމާރްނީގެ ދިފާއުގައި ސޯޝަލް މީޑިއާގެ އެކި ފަންތީގެ މީހުން ނިކުމެފައިވާއިރު އޭގެ ތެރޭގައި ޓީޗަރުންނާ، ދަރިވަރުންނާ ޒުވާނުންގެ ޖަމިއްޔާތަކަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ. މީގެ އިތުރުން އަރަބި ދުނިޔޭގެ ހުރަސްކޮށް، އެމެރިލާއާއި މެލޭޝިއާއިންވެސް ދަނީ އޮންލައިންކޮށް މި ހަރަކާތުގައި ބައިވެރިވަމުންނެވެ.

އިސްރާއީލުގެ އުދުވާންތަކުގައި ރަބަރު ވަޒަނެއް އަރާ ލޮލުގެ ފެނުން ގެއްލުނު ފަލަސްތީނުގެ ފްރީލާންސް ޖާނަލިސްޓް މުއާޒް ދިފާއުގައި ފަލަސްތީނުގެ ދަރިވަރުންތްކަކާ މުދައްރިސެއް/ފޮޓޯ: ޓްވިޓާ

ދިވެހިރާއްޖޭގެ ބައެއް ޒުވާނުންވެސް ދަނީ ފަރުދީ ފެންވަރުގައި މި ހަރަކާތުގައި ބައިވެރިވަމުންނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔޫތް ކައުންސިލްގެ ނައިބު ރައީސް އަދި ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާ މުޙައްމަދު ސައިފް ޒާހިރުވެސް ވަނީ އަމާރްނީގެ ދިފާއުގައި އޭނާ ހުރިކަން ފާހަގަކޮށް ސޯޝަލް މީޑިއާއަށް ޕޯސްޓެއް ދޫކޮށްލާފައެވެ.

އިސްރާއީލުން ފަލަސްތީނަށް އަމާޒުކުރަމުންދާ އުދުވާންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުވާ ހަމަލާތަކުގެ އަދަދު މަދެއް ނޫނެވެ. މިއަހަރު އެކަނިވެސް 60 ނޫސްވެރިއަކަށް އަމާޒުކޮށް އިސްރާއީލުން އެކި ކަހަލަ ހަމަލާތައް ދީފައިވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.