އަންހެން ކުދިން "ބްރެއިން ވޮޝް" ކޮށް ވަގަށް ކައިވެނި ކުރުން ހުއްޓުވަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައާ ގުޅިގެން އަނީލް ވިދާޅުވީ، މައިންބަފައިން "ކާފަރު" ކޮށް، ޒުވާން އަންހެން ކުދިން "ބްރެއިން ވޮޝް" ކޮށް، ޝަރުއީ ހަމަތަކުން ބޭރުން ވަލީއާ ނުލައި، ކޯޓުތަކުން ބޭރުގައި "ވަގަށް ކައިވެނި" ކޮށް ހެދުމަކީ ހުއްޓުވަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މި ކަމާ ދެކޮޅަށް އިލްމުވެރިން ދައްކަވާ ވާހަކައިގެ އަޑު ބަޔަަކަށް ނީވުނަސް އެ ވާހަކަ އެބަ ދައްކަވާ ކަމަށް އަނީލް ވިދާޅުވިއެވެ.

ދާދި ފަހުން ފެންމަތިވެގެން އުޅޭ ކުޑަކުދިންނާ ކައިވެނި ކުރުމުގެ މައްސަލައަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެތައް ބައެެއްގެ ފާޑުކިއުން ދީނީ އިލްމުވެރިންނަށް އަމާޒުވަމުން ދާ މި ދަނޑިވަޅުގައި އަނީލް ވިދާޅުވީ، ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުމާއި، ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަނީލް ވިދާޅުވީ ދީނުގެ ސައްހަ ތައުލީމު ފަތުރާ ފަރާތްތަކަކީ ހައްދުފަހަނެޅި މީހުންކަމަށް ދައްކަން މަސައްކަތްކުރުމަކީ ޖަރީމާއެއް ކަމަށެވެ.

މިއަދު މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަހުސް ކުރަމުން އަންނަ އިރު ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ އަދާލަތު ޕާޓީގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިންނަށް ހޫނު ރައްދެއް ދެއްވާފައެވެ.

ދިޔާނާ ތުހުމަތު ކުރައްވާފައި ވަނީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ "ޖަރީމާ" އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ދިފާއު ކުރައްވާފައި ވާ ކަމަށެވެ. އަދި މި މައްސަލައިގައި ފިޔަވަޅު އެޅުމުގެ ޒިންމާ އޮތީ ޖެންޑާ މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް ކަމަށް ވިދާޅުވެ ދިޔާނާ ވަނީ އަދާލާތު ޕާޓީއަށް ނިސްބަތްވާ ދެ ވަޒީރުންގެ "ސްޓޭންޑް" އަކީ ކޮބައިތޯ އައްސަވާފައެވެ.

ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވީ ޝިދާތާ ޝަރީފެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އިމްރާން އަބްދުﷲ އެވެ. މި ދެބޭފުޅުންނަކީ ވެސް އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.

އަނީލް އިތުރަށް ވިދާޅުވީ، ކިތަންމެ ވަރަކަށް ރުޅިގަދަ ކުރިޔަސް، ﷲ އިރާދަކުރެއްވިއްޔާ، އިސްލާމީ ހައްގު ދައުވަތަށް ހުރަސް އަޅާ މީހުންނާއި، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނާ ދެކޮޅަށް އޭނާ އަބަދުވެސް ވާހަކަ ދައްކަވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަދި 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފާ ޖިންސީ ގޯނާކޮށް އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމުގައި އިހުމާލު އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް އަދަބު ލިބެންޖެހޭ ކަމަށެވެ.

13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލަ އެއް ފެންމަތި ވެފައިވާ އިރު އެ މައްސަލަ މިހާރު ދަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަމުންނެވެ. ކުޑަކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވެފައި މިވަނީ، އިއްޔެ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒުވާނަކު ކަނޑަށް އެއްލާލި މައްސަލައަށް ފަހުއެވެ. އެ މާރާމާރީގައި ކަނޑަށް އެއްލާލި ރ. މަޑުވައްރީ މީހާއަކީ 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށާއި އެކުއްޖާ ބަލިވެއިން މައްސަލައެއް ޖެންޑާއިން ބެލިކަމަށް ވަނީ މައުލޫމާތު ލިބެއެވެ.

މިހާރު އެކުއްޖާ ހުރީ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް ދޫކޮށްލާފައި ކަމަށް މައުލޫމާތު ލިބެއެވެ.