އިންޓަނެޓަކީ މިއަދު ދުނިޔޭގައި އޮތް އަގުބޮޑު އަދި އެންމެ އާދަޔާ ހިލާފު ޕްލެޓްފޯމެވެ. އިންޓަނެޓުން ލިބެން ނެތް އެއްޗެއް ނެތްއިރު، އާދަޔާ ހިލާފު ކިތަންމެ ކަމެއް މި ވިއުގާގައި ދައުރުވަމުންދެއެވެ. ބައެއް ކަންކަމުގައި ފައިދާތަކެއް ހުރި އަނެއް ބައި ކަންކަމުން ގެއްލުންވެސް ކުރިމަތިއެވެ. ބައެއް ވާހަކަތަކަކީ އަޑުއަހާ ބާވެފައި ހުންނަ ވާހަކަތަކަށްވާއިރު، ދެން ފެންނަ ވާހަކަތަކަކީ އާދަޔާ ހިލާފު ހައިރާން ކަމެއް ގެނުވާ ވާހަކަތަކަކެވެ.

އާންމު ދިރިއުޅުމުން ދުވަހެއްގައި މީރި ކާއެއްޗެއް ހަދާލަން ބޭނުން ނަމަ މިހާރު ކޮންމެ މީހަކުހެން ބުރަވަނީ އިންޓަނެޓްއަށެވެ. އިންޓަނެޓުން ފެންނަ ތަފާތު އެކި ރެސިޕީތަކަށް ގިނަ ބަޔަކު ފާރަވެރިވެއެވެ. އަދި ބައެއް ރެސިޕީތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަތުއަޑުކިއާފައި ވައިރަލްވެގެންދާ ރެސިޕީތަކެކެވެ.

އިންޑިއާއަކީ އެންމެ އާދަޔާ ހިލާފު ރެސިޕީތަށް އިންޓަނެޓްއަށް ދޫކޮށް، ވައިރަލް ކުރަމުން ދާ އެއް ގައުމެވެ. އެގޮތުން ޗޮކްލެޓް މެގީއައި ގުލާބު ޖާމަން ޕިއްޒާއަކީ އިންޑިއާގެ ފަސްގަނޑުން ވައިރަލްވި ބައެއް ރެސިޕީތަކެވެ.

އެއްދުވަސްވަރެއްގައި އިންޑިއާގައި ވައިރަލްވި ޗޮކްލެޓް މެގީއާއި ގުލާބު ޖާމަން ޕިއްޒާ/ފޮޓޯ: ޓީއޯއައި

މި ލިސްޓަށް އެންމެ ފަހުން އިތުރުވީ ކުރުކުރޭ މިލްކްޝޭކްއެވެ. ތިޔަ ވިދާޅުވެވުނީ ހަމަ ރަނގަޅަށެވެ. ކުރުކުރޭ މިލްކްޝޭކްއެވެ.

ކުރުކުރޭ މިލްކްޝޭކް

ކުރުކުރޭ މިލްކްޝޭކް އެންމެ ފުރަތަމަ ދައުރުވާން ފެށީ ޓްވިޓާގައެވެ. ނަން ބުނުމާއެކު އިތުރު ތައާރަފަކަށް ބޭނުން ނުވާ ކުރުކުރޭ މިލްކްޝޭކްއަކީ އިންޑިއާއަށް މަޝްހޫރު ލުއިކާނާގެ ބާވަތެއް ކަމަށްވާ ކުރުކުރޭއައި ދިޔާ ކިރު ބޭޏުންކޮށްގެން ތައްޔާރުކުރާ އެއްޗެކެވެ. މި ރެސިޕީ ވައިރަލްވާން ފެށުމާއެކު އެކި ގޮތް ގޮތަށް އިންޓަނެޓްގެ ރިއެކްޝަންތައް ލިބެން ފެށިއެވެ.

ގިނަ މީހުންނަށް މިކަން ވީ ޖޯކަކަށެވެ. ނަމަވެސް ވައިރަލްވުން ނުހުއްޓި އުޅެނިކޮށް ބައެއް މީހުން މިކަން ތަޖުރިބާވެސް ކޮށްފިއެވެ. މި ރެސިޕީ ތަޖުރިބާ ކުރި ބައެއް މީހުން ބުނާ ގޮތުގައި މިއީ "ޓްރައިކޮށްލަން" ހަމަ އެންމެ ރަނގަޅު ރެސިޕީއެވެ.

ކަންމިހެން އޮތް ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އިންޓަނެޓްގައި މިފަދަ ގޮތްގޮތަށް ދައުރުވެ ވައިރަލްވާ ޕޯސްޓްތަކުގައި ކުރަން ބުނާހާ ކަމެއް ކުރުން އެދެވިގެން ނުވާކަމެވެ.