އިންޑިއާއަށް އުފަން ބައިނަލްއަގުވާމީ މިއުޒީޝަން އޭއާރް ރަހުމާންއާއެކު މަޝްހޫރު އިނގިރޭސި މިއުޒިކް ބޭންޑް ޔޫޓޫއިން ލަވައެއްގެ މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެކަން ހާމަކޮށްފިއެވެ.

"އަހިމްސާ"ގެ ނަމުން ނަންދީފައިވާ މި ލަވައިގެ ލިރިކްސް ފެންނަ ވީޑިއޯ ލަވައެއްވެސް ޔޫޓޫއިން އާންމުކޮށްފައިވާއިރު، އެ ބޭންޑުން ދަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް – މުމްބާއީގައި ވަރުގަދަ ޝޯއެއް ދިނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އިންޑިއާ ކޮންސެޓަށްވެސް ނަންދެނީ "އަހިމްސާ"ގެ ނަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ސާންސްކްރިތި ބަހުން "އަހިމްސާ"ގެ މާނަ ގުޅެނީ "ހަމަނުޖެހުންތައް ނުއުފެއްދުން" – މި ޝިއާރާއި ކަމަށްވާއިރު، މި ލަވައިގެ ވީޑިއޯ އަމާޒުކޮށްފައިވަނީ އިންޑިއާގެ ފުޅާ ސަގާފަތް ރަމްޒުކޮށްދިނުމަށް ކަމަށް ޚަބަރު ލިބެއެވެ.

ޔޫޓޫއާއިއެކު އެއްބަސްވުމަކަށް އައިކަން ހާމަކޮށް އޭއާރް ރަހުމާން ބުނީ "އަހިމްސާ"އަށް ވަރަށް ވަރުގަދަ ހިތްވަރެއް ބޭނުންވާ ކަމަށާ، މިއީ މިފަދަ އެއްބަސްވުމެއް އެކުލަވާލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ޔޫޓޫގެ ބައެއް ލަވަތަކުގެ އާ ވާޝަންތަކެއްވެސް މިއަހަރު ތެރޭގައި ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި ވާޝަންތަކުގައި ހިމެނޭނީ އިންޑިއާ އާޓިސްޓުންގެ މަސައްކަތް ކަމަށް ޚަބަރު ލިބެއެވެ.