ސްރީލަންކާގެ އާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އެކުލަވާލި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން، މަގާމުގެ ހުވާކުރައްވައިފިއެވެ.

ގޮތަބާޔާ ރާޖަޕަކްސަގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްނެންގެވުމުގެ ދަށުން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައިވެސް ރާޖަޕަކްސަ އާއިލާގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ދަނޑުވެރިކަމާ ދާހިލީ ވިޔަފާރިއާއި ބެހޭ ވަޒީރު ކަމުގެ މަގާމަށް ޝަމާލް ރާޖަޕަކްސަ ހަމަޖައްސަވާފައިވާއިރު، ޗީފް ސްޓްރެޓީޖިސްޓުގެ މަގާމަށް ބާސިލް ރާޖަޕަކްސަ ހަމަޖައްސަވާފައިވާކަން ފާހަގަކުރަންޖެހެއެވެ.

ސްރީލަންކާގެ ރައީސްއާއި ބޮޑުވަޒީރުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ކޮންޓްރޯލް ރާޖަޕަކްސަ އާއިލާއިން ނަންގަވާފައިވާއިރު، އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކުރަން ފަށާފައެވެ.

ސްރީލަންކާގައި އަލަށް އެކުލަވާލި ވަޒީރުންގެ މަޖިލީހަކީ އަންނަ އަހަރުގެ މާޗް މަހު އާންމު އިންތިހާބެއް ބާއްވާ، ރަސްމީ ސަރުކާރު އެކުލަވާލަންދެކަށް އެކުލަވާލި ވަގުތީ މަޖިލީހެކެވެ.