1971 ވަނަ އަހަރުގެ މިނިވަން ކަމުގެ ހަނގުރާމާގައި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަކީ ބަންގްލަދޭޝްއިން އަބަދުވެސް އެކަމަކަށް ނިހާޔަތަށް ޝުކުރުވެރިވާނެ ކަމެއް ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިހު ހަސީނާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކަލްކަޓާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމަތާ ބެނާރުޖީއާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ހަސީނާ ވިދާޅުވީ، މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު ބަންގްލަދޭޝްގެ އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ފޯރުކޮށްދިނީ އިންޑިއާއިން ކަމަށެވެ. އަދި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާއިން އަދާކޮށްދިން ދައުރަށް ބަންގްލަދޭޝްއިން އަބަދުވެސް ޝުކުރުވެރިވާނެ ކަމަށާ، އަބަދުވެސް އެދިވަޑައިގަންނަވަނީ ދެގައުމުގެ ގުޅުން މުސްތަގުބަލުގައިވެސް އިތުރަށް ބަދަހިވެގެން ދިއުމަށް ކަމަށް ހަސީނާ ވަނީ ވިދާޅުވެފައެވެ.

ޗީފް މިނިސްޓަރު ބެނާރުޖީ ވިދާޅުވީ ހަސީނާއާއިއެކު ކުރިއަށް ގެންދެވީ އިހުތިރާމުގެ ޒިޔާރަތުގެ އުސޫލުން ކުރިއަށްގެންދެވި ބައްދަލުވުމެއް ނަމަވެސް، ދޭދޭ ގައުމުގެ ގުޅުންތަކާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިގެން ގޮސްފައި ވާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ހަސީނާއާއިއެކު މަޝްވަރާ ކުރައްވާފައިވާނެ ކަމަށާ އަދިވެސް އެސަރަހައްދަށް ވަޑައިގެންނެވުމަށް އެދި ހަސީނާއަށް ދައުވަތުވެސް އަރުވާފައިވާނެކަމަށް ބެނާރުޖީ ވަނީ ވިދާޅުވެފައެވެ.

އިރުމަތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮތް ބަންގްލަދޭޝް އިން މިނިވަން ގައުމަކަށް ވުމަށް ކުރި ސީދާ ހަނގުރާމަ ހިނގާފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.