ބައިނަލްއަގުވަމީ މީޑިއާގެ ފަލަ ސުރުހީއިން މިދުވަސްވަރު ޖާގަ ހޯދަމުންދާ އެއް ޚަބަރަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދާ ޚަބަރެވެ.

އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޖޯ ބައިޑްންއާއި އޭނާގެ ދަރިކަލުންގެ މައްޗަށް ކުރި ހޯއްދެވުމަށްޓަކައި ޔޫކްރައިންގެ ނުފޫޒު ހޯއްދަވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން ޓްރަމްޕް އަޒުލުކުރުމުގެ މައްސަލަ ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު ކޮންމެ ދުވަހަކީވެސް އާ ވާހަކަތަކެއް ފެންމަތިވާ ދުވަހަކަށް ވަނީ ވެފައެވެ.

އެންމެފަހުން މިފަދަ ވަރުގަދަ ވާހަކަތަކެއް ފެންމަތި ކުރެއްވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ނޭންސީ ޕެލޯސީއެވެ.

ޕެލޯސީ ވިދާޅުވީ ކީކޭ؟

އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ ނޭންސީ ޕެލޯސީ ވިދާޅުވީ، ޒާތީ މަންފާ ހާސިލުކުރެއްވުމަށްޓަކައި މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައިވާކަމުގެ ހެކި، ޓްރަމްޕްއާއި ދެކޮޅަށް ލިބިފައި ވާ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ގެއްލުން ލިބެނިވި އަމަލުތަކެއްވެސް ޓްރަމްޕް ހިންގަވާފައިވާކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގެ 8 އަހަރު ދުވަހުގެ މުއްދަތުގައި ނައިބު ރައީސްކަން ކުރެއްވި ޖޯ ބައިޑަން/ފޮޓޯ: ގެޓީއިމޭޖަޒް

ކަންމިހެން އޮތްއިރު، ޓްރަމްޕް އަޒުލުކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ހިންގާ ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށް ކަމަށާ، މިކަމުގައި އަދި ގޮތެއް ނިންމާފައި ނުވާކަމަށްވެސް ޕެލޯސީ ވަނީ ހާމަކުރައްވާފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެލޯސީ ވަނީ، މި ތަހުގީގުތަކައިގެން ކުރިއަށްދާނެ ގޮތެއް ނިންމާނީ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ ޖާސޫސީ ކޮމިޓީއިން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިކަމުގައި މަޖިލީސް މެމްބަރުންގެ ދައުރަކީ ހެކި އެއްކޮށް، ހެކީންގެ ކިބައިން ބަޔާންތައް ނެންގެވުން ކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ޕެލޯސީ ވިދާޅުވީ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވަމުން ކުރެއްވި ހުވައާއިވެސް ޓްރަމްޕް ހިލާފުވެވަޑައިގެންފައި ވާ ކަމަށެވެ.

އަޒުލުކުރުމުގެ މައްސަލަ ހިނގަނީ ކިހިނެއް؟

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖާސޫސީ ކޮމިޓީއިން މިހާރު ހިންގަމުންދަނީ ޓްރަމްޕް އަޒުލު ކުރުމަށް ހިންގާ އާންމު އަޑުއެހުންތަކުގެ އެންމެ ފަހު ބުރުގެ އަޑުއެހުންތަކެވެ. މި އަޑުއެހުންތަކަކީ، ޖުލައި މަހުގެ 25 ވަނަ ދުވަހު، ޔޫކްރައިންގެ ރައީސް ވްލޮޑިމީރު ޒެލެންސްކީއަށް ޓްރަމްޕް ކުރެއްވި ފޯނު ކޯލަކާ ގުޅިގެން ހިންގާ ތަހުގީގާ ގުޅުންހުރި އަޑުއެހުންތަކެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ޓޮރޯންޓޯ ސްޓާ

ޔޫކްރައިންގެ ރައީސްއާއި ޓްރަމްޕްއާއި ދެމެދު ކުރެވުނު ފޯނު ކޯޅުގައި، ޓްރަމްޕްގެ ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ތަހުގީގުތަކެއް ހިންގަވާ ދެއްވުމަށް ޓްރަމްޕް ވަނީ ޔޫކްރައިންގެ ރައީސްއަށް ދަންނަވާފައެވެ. މީގެ އިތުރުން، ޔޫކްރައިންއަށް އެހީގެ ގޮތުގައި އެމެރިކާއިން ފޯރުކޮށްދޭ 391 މިލިއަން ޑޮލަރު ރިލީޒްނުކޮށް ޓްރަމްޕް ހިފަހައްޓަވައިގެން ހުންނެވި ކަމަށާ، އެއީ އިސްވެ ބަޔާންކުރެވުނު ތަހުގީގު ހިންގެވުމަށް ޔޫކްރައިންގެ ރައީސްއަށް ފިއްތުންތައް ކުރިމަތިކުރެއްވުމުގެ ގޮތުން ކަމަށް ބުނާ ވާހަކަތަކަށްވެސް މި ތަހުގީގައި ދަނީ އިޝާރާތް ކުރަމުންނެވެ.

ޓްރަމްޕް ގެންދަވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ.

އަޒުލުކުރަން މެމްބަރުން ނިންމަވައިފިނަމަ ދެންވާނީ ކިހިނެއް؟

ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލުކުރުމަށް ތަހުގީގު ހިންގަވަނީ އިދިކޮޅު ޑިމޮކްރަޓުންނަށް އަގުލަބިއްޔަތު އޮންނަ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިންނެވެ. ތިރި ގޭގެ މެމްބަރުން މިކަމަށް ތާއީދުކުރައްވާ ހިސާބުން މައްސަލަ ދެން ދާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ސެނަޓަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: އައުޓްސައިޑް ދަ ބެލްޓްވޭ

ސެނެޓްގެ އަގުލަބިއްޔަތާ ކޮންޓްރޯލް އޮންނަނީ ޓްރަމްޕްވެސް ނިސްބަތްވެވަޑައިގަންވާ ރިޕަބްލިކަންސްއަށެވެ. ކަންމިހެން އޮތް ނަމަވެސް، ރިޕަބްލިކަންސްއަށް ނިސްބަތްވެވަޑައިގަންވާ ބައެއް މެމްބަރުން މިހާރުވެސް ގެންދަވަނީ ޓްރަމަޕްއަށް ފާޑުވިދާޅުވަމުންނެވެ. އެހެންކަމުން، މިއީ ސެނެޓުން ކޮން މިސްރާބަކަށް ބަދަލުކޮށްލާނެ މައްސަލައެއްކަން އަދި ދަންނަވަން ދައްޗެވެ.