ފަރެސްމާތޮޑަ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.

ޕީޕީއެމަށް ސޮއި ކުރައްވާ، މެންބަރު ހުސެއިން ވަނީ މިހާރު ކުރިއަށްދާ އިދިކޮޅު ކޯލިޝަނުގެ "ހިބަރު ވަދު" ޖަލްސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޯމު ހަވާލުކުރައްވާފައެވެ. މެންބަރު ހުސެއިން ވަނީ މިކަން ރައްޔިތުންނަށްދޭ ސަޕްރައިޒް އެއް ގޮތުގައި ސިފަ ކުރައްވާފައެވެ.

19 ވަނަ މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލު ކުރައްވާ ހުސެއިނަކީ، 18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލު ކުރެއްވިބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިހާބުން ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ހުސެއިން ވަނީ ޕީޕީއެމާއި ދުރަށް ޖެހިވަޑައިގެން، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ހުސެއިން ވަނީ ރާއްޖެ މިހާރު މިދަނީ ކޮން މިސްރާބަކަށްތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ތިމާ ހުރީ ކޮން ޕާޓީއަކަށްތޯ ނުވަތަ ތިމާ ހުރީ ކޮން ކުލައަކަށްތޯ ބަލާކަށް ނުޖެހޭނެ ކަމަށާއި، ކޮންމެ ޕާޓީއެއްގެ މެންބަރަކަށް ވިޔަސް، ތިމާ ހުރީ ދިވެހި ދިދައިގެ ދަށުގައި ކަން ޔަގީން ކުރަން ޖެހޭ ކަމަށް މެންބަރު ހުސެއިން ވިދާޅުވިއެވެ.