މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި ދުވަސްވަރެވެ. ހަމަ މިއާއެކު ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުން އެމީހެއްގެ ހަށިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ބައެއް މީހުންނަށް މިއީ މާ ބޮޑު ބަދަލުތަކަކަށް ނުވެދާނެއެވެ. އަދި މާ ބޮޑު އުނދަގޫތަކެއްވެސް ކުރިމަތި ނުވެދާނެއެވެ. އެހެންކަމުން، އެކި ކޮޅުކޮޅަށް ދަތުރުކޮށް އުޅުމުގައި މައްސަލައެއް އޮވެދާނެކަމަށް މި މީހުންނަށް ހީވެއެވެ.

ހަގީގަތަކީ އެޔެއް ނޫނެވެ. ނަމަވެސް "އޯކޭ" ވާނެ ހާލަތްތަކެއްވެސް ހުރެއެވެ. އެނޫން ހާލެއްގައި މާބަނޑު މީހުން ދަތުރުކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ މަތިންދާ ބޯޓަށް ތިއަރީ ތިބާ އެކަނި ނޫންކަމެވެ. ތިބާގެ ބަނޑުގައި އޮތް މައުސޫމު ފުރާނަވެސް ތިބާއާއިއެކުގައި އެ ފްލައިޓަށް އަރާނެކަމެވެ. މާބަނޑު ދުވަސްވަރު މަތިން ދަތުރުކުރުމުގެ ކުރިން ސަމާލުވާންވީ ކަންތައްތަކެއް ހުރެއެވެ.

ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލުން

ކޮންމެހެން ކުރަންޖެހި، އެނޫން ގޮތެއް ނެތި މަޖުބޫރުވެއްޖެ ހިނދެއްގައި ނޫނީ ގައުމުން ބޭރަށް ދަތުރު ނުކުރާށެވެ. އެތެރޭގެ އުދުހުންތަކަށްވުރެ ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް ހަމަ ޔަގީނުންވެސް ދިގުވާނެއެވެ. އެއީ ބޭރު ގައުމެއްގެ އެއާލައިނަކަށް ވަނީ ނަމަ މިފަދަ ކަމަކާ މުޅިން ދުރުވާށެވެ. ބޯޓުމަތީގައި ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ މާދަރީ ބަހުން ވާހަކަ ދައްކާ ކްރޫއެއް ނެތުމަކީވެސް ކުރިމަތިލާންޖެހިދާނެ އިތުރު ހާސް ކަމެކެވެ. މީގެ އިތުރުން، ބޯޓުމައްޗަށް ވިހައިފިނަމަ އަނެއްކާ އިތުރު ތަކުލީފަކާ ކުރިމަތިލާންޖެހެއެވެ. ބޭރު ގައުމެއްގެ ވައިގެ ސަރަހައްދުގައި އޮއްވާ ވިހާ، އެ ގައުމަކަށް ބޯޓު ޖައްސާ ހިސާބުން ލިޔެކިއުންތައް ހަމަޖައްސަން އުޅެންޖެހެއެވެ. މިއީ މައިމީހާގެ އިތުރުން އޭނާއާއިއެކު ދަތުރުކުރާ މީހަކަށްވެސް އެވަގުތު ހައްގު ޓެންޝަނަކަށް ނުވާނެއެވެ.

ޑޮކްޓަރުގެ ހުއްދަ ހޯދުން

ބަނޑުގައި ދަރިއަކު ގަރުބަގަތްތާ 28 ހަފުތާ ފާއިތުވެފައިވާނަމަ ޑޮކްޓަރެއްގެ އިޒުނައިގެ ލިޔުމަކާ ނުލާ ގިނަ އެއާލައިންތަކުން ދަތުރުވެސް ނުކުރެވޭނެއެވެ. މިއީވެސް ވައިގެ އުދުހުމުގެ ތެރޭގައި މައިމީހާއާއި ބަނޑުގައިވާ ދަރިފުޅަށް ނުވަތަ ބޯޓުތެރޭގައި އުފަންވާ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އަޅާ ފިޔަވަޅެކެވެ.

ބަލިވެ އިންނަ ދެމީހަކު އިންނާނީ އެއް ހާލެއްގައެއް ނޫނެވެ. އަދި އެކަކު ދެ ފަހަރަށް ބަލިވެ އިންނައިރުވެސް، އެއްފަހަރު އަނެއް ފަހަރާ ތަފާތުވާނެއެވެ. އަދި މާބަނޑު ދުވަސްވަރުގެ އެކި ޓްރައިމެސްޓާތަކުގައިވެސް ތަފާތުވާނެއެވެ. އެހެންކަމުން، ކޮންމެ ދުވަސްވަރެއްގައި ދަތުރުކުރި ކަމުގައި ވީ ނަމަވެސް އެމީހަކު ގަވައިދުން ފަރުވާ ހޯދަމުން އަންނަ، ކަމަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ، ދުރާލާ ހޯދަން ވާނެއެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕޭރެންޓިންގް ހަބް

މަތިމަތިން ހެދުންލުން

ވައިގެ ތެރޭގައި ބޯޓު އުދުހެމުންދާއިރު އެކި މީހުންގެ ހަށިގަނޑަށް އަންނާނީ އެކި ބަދަލެވެ. ބައެއް މީހުންނަށް ބޯޓުތެރޭގައި އާދަޔާ ހިލާފަށް ހޫނުގަދަވާއިރު އަނެއް ބަޔަކަށް އާދަޔާ ހިލާފަށް ފިނިވެއެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ ބޯޓަށް އަރާއިރުވެސް ލޭޔާޒްކޮށް ނުވަތަ މަތިމަތިން ހެދުން ލައިގެން އެރުމެވެ. އެއިރުން ހޫނުވާން ފަށައިފި ހިނދެއްގައި ލޭޔަރެއް ދޫކޮށްލެވިދާނެތާއެވެ. އަދި އަލުން ބޭނުންވެއްޖެ ހިނދެއްގައި އަލުން ލެވިވެސްދާނެތާއެވެ.

އޯވާޕެކް ނުކުރުން

ބޮޑު ގުރޫޕަކާއެކުގައި ދަތުރު ނުކުރާކަމަށް ވަނީނަމަ މާ ބައިވެރި އެއްޗިހިތަކެއް ގެންދަން ނުހަދާށެވެ. އެ ގުރޫޕުގައި ތިބި މީހުންނަކީ ތިބާއަށް ލަގެޗު ހިފާ، އެއްތަނުން އަނެއްތަނަށް ގެންގޮސްދީ ހަދަން އެހީވާނެ ބައެއްކަންވެސް ދުރާލާ ޔަގީންކޮށް، އެމީހުންނަށް އެކަން އަންގަންވެސް ވާނެއެވެ. އެއާޕޯޓް ތެރޭގައި އުޅޭއިރު، ވީހާވެސް ލުއިކޮށް އުޅުމަކީ އެންމެނަށްވެސް ފަސޭހަވާނެ ކަމެކެވެ. ބަޔަކާ އެކުގައި ދަތުރުކުރާއިރުވެސް މާ ބޮޑަށް ލަގެޖުތައް ބަރު ނުކުރާށެވެ. އެއިރުން އެމީހުންނަށް ޖެހޭނީ ތިބާ ބަލަން އުޅުމުގެ ބަދަލުގައި ލަގެޖައިގެން އުޅެން ނޫންހެއްޔެވެ!

މާބަނޑު ދުވަސްވަރު ބަރު އެއްޗިހީގައި ހިފާ އުޅުމަކީވެސް އެދެވިގެންވާ ކަމެއް ނޫނެވެ. މިކަމުގައި މައިމީހާއަށާ، ބަނޑުގައި އޮތް ދަރިފުޅަށްވެސް ޕްރެޝަރުތަކެއް ކުރެއެވެ.

މޭނުބައިކޮށްފާނެކަމަށް ތައްޔާރުވުން

މާބަނޑު ދުވަސްވަރަކީ ގިނަ މީހުންނަށް މޭ ނުބައި ކުރުމާ ބޯ އެނބުރުމުގެ ތަކުލީފު އިންތިހާއަށް ކުރިމަތިވާ ދުވަސްވަރެކެވެ. ވައިގެމަގުން ދަތުރުކުރާއިރުވެސް މިކަން މެދުވެރިވެދާނެކަން ދަންނާށެވެ. އަދި އެކަމަށް ތައްޔާރުވެސް ވާށެވެ.

ބަލިވެ އިންނަ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެއްވެސް ވަރަކަށް ދަތުރު ނުކުރާށެވެ. މިއީ ބޮޑެތި ބަދަލުތަކަށް ހަށިގަނޑު ހޭނެމުންދާ ދުވަސްވަރެކެވެ. މޭނުބައިކޮށް ހޮޑުލެވުންވެސް އެންމެ ގިނަ ބަޔަކަށް އެންމެ އާންމު ދުވަސްވަރެވެ. ފުރަތަމަ 3 މަސްދުވަސް ފާއިތުވުމަށް ފަހުގައި ދަތުރުކުރި ކަމުގައި ވީނަމަވެސް ވައިގެ ތެރޭގައި ދަތުރުކުރަމުންދާ ބޯޓަށް އަންނަ ކުދިކުދި ލޮޅުން ނުވަތަ ޓާބިއުލަންސްގެ ސަބަބުންވެސް މޭނުބައިކޮށް ބޯއެނބުރުން ފަދަ ކަމެއް މެދުވެރިވެދާނެއެވެ. މާބަނޑަކާއެކު މަތިންދާ ބޯޓެއްގެ ފާހާނާއަށް ގޮސް ހެދުމަކީވެސް މާ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން، އެމީހަކަށް އެންމެ މޭ ހެޔޮކޮށްދޭ އެއްޗެއް އަތްމަތީގައި އަބަދުވެސް ގެންގުޅޭށެވެ.

ރަނގަޅު ސީޓެއް ހިޔާރުކުރުން

ޒަމާނީ ޓެކްނޮލޮޖީއާއިއެކު ގޭގައި ހުރެގެން ޗެކިން ކުރުމުގެ ފަސޭހަކަން އޮންނައިރު އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފާށެވެ. އަދި ދުރާލާ ޗެކިންވެ، ސީޓު ކަށަވަރުކުރާށެވެ. މި ގޮތަށް ސީޓު ކަށަވަރު ކުރާއިރު ހިނގާމަގު ނުވަތަ އައިލްއާއި އެންމެ ކައިރިއަށް ހުންނަ ގޮނޑިތަކުން ޖާގަ ލިބޭތޯ ބަލާށެވެ. މާބަނޑަކާއެކު މިއީ އެންމެ އަރާމު ގޮނޑިތަކެވެ. އަރިމަތިން ހަމަޖެހިލާނެ ޖާގައެއް ލިބޭއިރު ފާހާނައަކަށް ދާންޖެހިއްޖެ ހިނދެއްގައިވެސް މިއީ އެންމެ ފަސޭހަ ވާނެ ހިސާބެވެ.

މިހުރިހާ ކަމަކަށް ވިސްނުމަށް ފަހުގައިވެސް އެންމެ ރަނގަޅު ގޮތަކީ ދަތުރުފަތުރުކޮށް އުޅުމާ ދުރުވެލުމެވެ. ކުރިއަށް އޮތީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ދުވަސްތަކެއް ކަމުން، ވީހާވެސް ޕްރެޝަރު ކުޑަކޮށް، ލިބޭ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރަން ހަނދާން ބަހައްޓާ، އެކަމަށް ސަމާލުކަން ދޭށެވެ.