ގަވާއިދާ ހިލާފަށް ރާޢްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓު އަތުލައިފިއެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން ބުނީ މިހާރު އެ 7 ބޯޓުވެސް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އިތުރަށް އެމްއެންޑީއެފުން ބުނީ ބޯޓުތައް އަތުލީ މާލޭގެ އިރުން 175 މޭލު ބޭރުން ކަމަށެވެ.

މި ބޯޓުތައް އަތުލި އިރު މީގެ ތެރެއިން 2 ބޯޓު އޮތީ ދާ އަޅައިގެން މަސްވެރިކަން ކުރަން ކަމަށްވެސް ކޯސްޓްގާޑާ ހަވާލާދީ އެމްއެންޑީއެފްގެ މީޑިއާއިން ބުނެއެވެ.

ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަސް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.

އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބާލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.