ސަރުކާރާ ޝަރުއީ ނިޒާމާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައި އޮތް ކަމުގައި ވީ ނަމަވެސް ބަޔާންތައް ދެއްވުމުގައި މިހާރަށްވުރެ ފަރުވާ ބެހެއްޓެވުމަށާ، ޝަރުއީ ދާއިރާއަށް ބިރު ނުދެއްކެވުމަށް ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު އާސިފް ސައީދު ހޯސާ، އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާންއަށް އިންޒާރު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް އެގައުމުގެ އުއްތަމަ ފަނޑިޔާރު އިންޒާރު ދެއްވާފައި މިވަނީ، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ސިއްހީ އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމާއެކު ޕާކިސްތާނުގެ އަދުލު އިންސާފުގެ ނިޒާމަށް އިމްރާން ހާން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ހައިބަރު ޕަހްތުންހަވާ ޕްރޮވިންސްގައި ކުރިއަށްދިޔަ އިވެންޓެއްގައި ވާހަކަދައްކަވަމުން އިމްރާންވަނީ ގައުމުން ބޭރަށް ވަޑައިގެންނެވުމަށް ނަވާޒް ޝަރީފަށް ދެއްވި އިޒުނަޔާއެކު ޝަރުއީ ދައިރާގެ މައްޗަށް އާންމުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އާ ކޮށްދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.

މި ވާހަކަފުޅުތަކާ ގުޅިގެން އިމްރާންއަށް އިންޒާރު ދެއްވާ ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހުރިހާ އެންމެނަކީވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްކަމަށާ، އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުންނާނެ މީހެއް ނޫން ކަމަށެވެ.