ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ބޯގަންވިލާއަކީ މިއަދު ޕަޕުއާ ނިއު ގިނީގެ ބައެކެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހަކީ ބޯގަންވިލާގެ ރަށްވެހިންނަށް މުހިންމު ދުވަހެކެވެ. އެއީ މިނިވަންކަމުގެ ރޭހުގައި ބޯގަންވިލާގެ ރަށްވެހިން ގޮތް ނިންމާ، ވޯޓުދޭ ދުވަހެވެ. ރާވާފައި އޮތް ގޮތަށް އިންތިހާބުގެ ނަތީޖާ ނެރެވިއްޖެނަމަ ދުނިޔޭގައި އޮތް އެންމެ އާ ގައުމުގެ ދަރަޖަ ބޯގަންވިލާއަށް ލިބިގެންދާނެއެވެ.
ބޯގަންވިލާގެ ތާރީހަށް ބަލާއިރު އިސްތިއުމާރީ ބާރުތަކުގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރަކާ، މިނިވަންކަމަށް ކުރި މަސައްކަތްތަކެއްގެ އިތުރުން 9 އަހަރަށް ދިގުލާދިޔަ ހަނގުރާމައަކާ ސުލްހައިގެ މަޝްވަރާގެ ދުވަސްވަރެއް ވަނީ ދެކިފައެވެ. ހޮނިހިރު ދުވަހަކީ ބޯގަންވިލާގެ ތާރީހުގައި އާ ބާބެއް ލިޔަން ފަށާނެ ދުވަހެކެވެ.
ގާތްގަނޑަކަށް 207000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބޯގަންވިލާގެ ރަށްވެހިން ހޮނިހިރު ދުވަހު ވޯޓުދޭނީ ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައި އޮންނާނީ ތޯ ނުވަތަ މިނިވަން ގައުމަކަށް ވާނީ ތޯ ކަނޑައަޅަންށެވެ.
ބޯގަންވިލާއާއި މިނިވަންކަން
1975 ވަނަ އަހަރު ޕަޕުއާ ނިއު ގިނީއަށް މިނިވަންކަން ލިބުމާއެކު ބޯގަންވިލާއަކީ އެ ގައުމުގެ ޕްރޮވިންސްއެއް ކަމުގައި ކަނޑައެޅިއެވެ. ނަމަވެސް އޭގެ މާ ކުރިންވެސް ގައުމެއްގެ ދަރަޖަ ހޯދުމަށް ބޯގަންވިލާގެ ރަށްވެހިން އޮތީ މަސައްކަތް ފަށާފައެވެ. ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލައި ނުގަތީއެވެ.
ވަކިވެފައިވާ މިނިވަން ގައުމެއްގެ ދަރަޖަ ހޯދުމަށް ބޯގަންވިލާގެ ރަށްވެހިން ވޯޓުލާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެންނަ ނުފެންނަ ވޯޓުގެ އިންތިހާބީ ކޮމިޝަންގައި އިސްކޮށް ހުންނަވަނީ އަޔަލަންޑްގެ ކުރީގެ ބޮޑު ވަޒީރެކެވެ.
ގައުމަކަށް ވެއްޖެނަމަ؟
ގައުމެއްގެ ދަރަޖަ ބޯގަންވިލާއަށް ލިބިއްޖެނަމަ އެއީ ދުނިޔޭގެ އެންމެ ކުޑަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ގައުމެކެވެ. ބޮޑު މިނުގައި 10000 އަކަ ކިލޯމީޓަރު ހުންނަ ބޯގަންވިލާގެ އާބާދީއަކީވެސް މާ ބޮޑު އާބާދީއެއް ނޫނެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއަށްވުރެވެސް މީހުން މަދެވެ.
ކަންމިހެން އޮތްއިރު މިނިވަން ގައުމަކަށް ލިބިދޭ ހުރިހާ އިމްތިޔާޒަކާ ބާރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ބޯގަންވިލާއަށް އަދި އަހަރުތަކެއް ބޭނުންވާނެއެވެ.
ގުދުރަތީ ވަސީލަތްތަކަށް ބަލާއިރު ބޯގަންވިލާއަކީ ލޮއެގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން މައިން ކުރުމުގެ މަސައްކަތަކަށް ބޮޑު އިނދަޖެހުމެއް އައިސްފައިވާއިރު އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ އާމްދަނީގެ 40 ޕަސެންޓަށްވުރެ ބޮޑު ބައެއް ހޯދުމުގެ ގާބިލުކަން އަދު ބޯގަންވިލާއަކަށް ނެތެވެ.
ކަންމިހެން އޮތް އިރު ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ބޯގަންވިލާގެ މިނިވަންކަމުގެ ރޭހަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން ކަން ފާހަގަކުރަންޖެހެއެވެ.
ޤައުމަކަށް ވެއްޖެއާ ފުރަތަމަ ރައީސްކަން ދޭން ވާނީ މަންދު އިބްރާއަށް.
އިބްރާމެން އެގައުމަށް ފޮނުވޭނެގޮތް ވެއްޖިއްޔާ ރަނގަޅުވާނެ.