2014 ވަނަ އަހަރު ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަށްފަހު، ދުނިޔޭގެ އެކި ހިސާބުތަކުން ޓެރަރިޒަމްއާއި ގުޅިގެން 2018 ވަނަ އަހަރު މަރުވި މީހުންގެ އަދަދު، ވިދިވިދިގެން 4 ވަނަ އަހަރަކަށް ދަށަށް ގޮސްފައިވާކަމަށް ގްލޯބަލް ޓެރަރިޒަމް އިންޑެކްސ (ޖީޓީއައި) 2019 ގެ ރިޕޯޓުން ދައްކައިފިއެވެ.

ފާއިތުވީ 4 އަހަރަށް ބަލާއިރު ޓެރަރިޒަމްއާއި ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 52 ޕަސެންޓް ދަށަށް ގޮސްފައެވެ. 2018 ވަނަ އަހަރަށް ބަލާއިރު ޓެރަރިޒަމްއާއި ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް ޖީޓީއައި 2019 ގެ ރިޕޯޓް ބުނެއެވެ.

ޖީޓީއައި 2019ގެ ރިޕޯޓް ބުނާ ގޮތުގައި ޓެރަރިޒަމްއާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަހަރުން އަހަރަށް ކުރިއެރުން ހޯދި ގައުމުތަކުގެ އަދަދު ވަނީ 98 އަށް އިތުރުވެފައެވެ. މިއީ 2004 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދަކަށް ގައުމުތަކުން މި ލިސްޓުން ޖާގަ ހޯދި އަހަރުކަންވެސް ފާހަގަކުރަންޖެހެއެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ހަނގުރާމަވެރިން/ފޮޓޯ: އޭއެފްޕީ

2018 ވަނަ އަހަރަކީ ޓެރަރިޒަމްގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ކުރި ނޭދެވޭ އަސަރުވެސް 38 ޕަސެންޓް ދަށްވި އަހަރެއް ކަމަށް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކަންބޮޑުވާންވީ ކީއްވެ؟

ޓެރަރިޒަމްއާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރެއްގައި އެދެވޭ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ރިޕޯޓްގެ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް، ކަންބޮޑުވުންތަކެއް ހުރިކަމަށް ރިޕޯޓް އިޝަރާތްކުރެއެވެ. އެގޮތުން 2018 ވަނަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 71 ގައުމަކުން، ޓެރަރިޒަމްއާއި ގުޅުން ހުރި 1 މަރު ނަމަވެސް ރެކޯޑްކޮށްފައިވާކަމަށާ، މިއީ މި ގަރުނަށް ފެށިފަހުން 2 ވަނައަށް ރެކޯޑްކުރެވުނު އެންމެ މަތީ އަދަދު ކަން ޖީޓީއައި 2019 ގެ ރިޕޯޓް ބުނެއެވެ.

2002 ވަނަ އަހަރުން ފެށިގެން ބަލާނަމަ، ޓެރަރިޒަމްގެ ނުރައްކާ އެންމެ ބޮޑީ ދެކުނު އޭޝިއާގައި ކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އައިސިސްއާއި އިސްރާއީލުގެ ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރެނެގޭޑް ޓްރިބިއުން

2018 ވަނަ އަހަރަށް ބަލާއިރު ޓެރަރިސްޓް ޖަމާއަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާތަކެއް ދީފައިވަނީ ތޯލިބާނު ހަނގުރާމަވެރި ޖަމާއަތުންނެވެ. މިއާއެކު، ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި މިހާރު ލިސްޓުކޮށްފައިވަނީ ތޯލިބާން ޖަމާއައެވެ. މި ރިޕޯޓް އާންމުކުރުމާ ހަމައަށް އެންމެ ނުރައްކާތެރި ޖަމާއަތުގެ ގޮތުގައި އޮތީ ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތެވެ.

2018 ވަނަ އަހަރު ތޯލިބާނުންގެ ހަމަލާތައް އެންމެ ވަރުގަދަވީ އަފްގާނިސްތާނުގައި ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޓެރަރިޒަމްގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އިރާގުގެވެސް މައްޗަށް އަފްގާނިސްތާނުވަނީ އަރާފައެވެ. 2004 ވަނަ އަހަރުން ފެށިގެން ރިޕޯޓް އާންމު ކުރުމާ ހަމައަށްވެސް މި ލިސްޓުގެ އެންމެ ކުރީގައި އޮތީ އިރާގުއެވެ.

އަފްގާނިސްތާނާ އިރާގަށްފަހު ޓެރަރިޒަމްގެ އެންމެ ބޮޑު ނުކުރައްލަލެއް އޮތް ކަމަށް ޖީޓީއައި 2019ގައި ފާހަގަކޮށްފައިވަނީ ނައިޖީރިއާއެވެ. އެއަށްފަހު ސޫރިޔާއާއި ޕާކިސްތާނު އަދި ސޯމާލިޔާއެވެ.