ސަލަފް ޖަމިއްޔާއާ ފަދަ ގާނޫނަށް ބޯލަނބާ ޖަމިއްޔާތަކަށް ހުރަސް އަޅާ އެމްޑީއެން ފަދަ ގާނޫނާ ހިލާފަށް އަމަލު ކުރާ ޖަމިއްޔާތަަކަށް ފުރުސަތު ދިނުމަކީ އެމްޑީޕީން ރާވައިގެން ކުރާކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު ގާނޫނުތަކަށް ބޯލަނބައިގެން ހިންގަމުންދާ ޖަމިއްޔާތަކަށް ހުރަސް އެޅުމަކީ އެމްޑީޕީގެ އެޖެންޑާއެއް ކަމަށާއި ގާނޫނާ ހިލާފު، "ލާދީނީ" ފިކުރު ފަތުރާ އެމްޑީއެން ފަދަ ޖަމިއްޔާތަކަށް ފުރުސަތު ފުޅާކޮށްދިނުމަކީ ވެސް އެމްޑީޕީގެ ރޭވުމުގެ ބައެއް ކަމަށެވެ.

ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީނުގެ ޝިއާރު އުފުލައި ދީނީ ހޭލުންތެރިކަން އެންމެ ބޮޑަށް ފަތުރަން މަސައްކަތް ކުރަމުންދާ އެއް ޖަމިއްޔާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ އެއްވެސް ސާބިތު ނުހިފޭ ވާހަތަކެއް ކަމަށާއި އަދި އެ ވާހަކަތައް ހުއްޓާލުމަށް އެ ކޯލިޝަނުން ގޮވާލިއެވެ. ސަލަފު އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

ސަލަފުން ކުރަމުންދާ މަސައްކަތް ކުރުންމަތީ ދެމިތިބުމަށް ހިތްވަރުދެމުން އިދިކޮޅުން ބުނީ، އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ ޖަމިއްޔާތަކަށް ހިތްވަރުދިނުމުގެ ބަދަލުގައި މިއަދުގެ ސަރުކާރުން އެ ޖަމިއްޔާތަކާ މެދު އަމަލުކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސަރުކާރުގެ ތެރޭގައި ހުރެގެން އެކަމަށް ބާރުދޭކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ޖަމިއްޔަތުލް ސަލަފުން ޑރ. އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް އެދި ނެރުނު ގަރާރެއް ހިމަނާފައެވެ. އެ ރިޕޯޓުން އެކުލަވާލާފައި ވަނީ ސަލަފުގެ އަމަލުތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ޑރ. އަފްރާޝީމް މަރާލަން ހިތްވަރު ލިބުނުކަމަށް ދޭހަވާ ގޮތަކަށެވެ.

އެކަމާ ގުޅޭ ގޮތުންސަލަފު ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑރ. އަފްރާޝީމްގެ މަރާއި އެ ޖަމިއްޔާއާ އެއްވެސް ގުޅުމެއް އޮތްކަމަށް މަރު ކޮމިޝަނުން ރިޕޯޓުގައި ނެތަސް، އެ ރިޕޯޓުގައި ހީލާތްތެރި ގޮތަކަށް ސަލަފް ޖަމިއްޔާއާއި އަދި އެ ޖަމިއްޔާގެ ބައެއް އިލްމުވެރިންގެ ނަން ހިމަނާފައިވާ ކަމަށެވެ. އެފަދައިން އެކަން ކުރުމުގެ ބޭނުމަކީ، ރާއްޖޭގައި ބަޔަކު ކުރިއަރުވައި ހިންގަން ބޭނުންވާ "ސެކިއުލާ، ލާދީނީ" އެމްޑީއެން ފަދަ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ސަލަފު ޖިމިއްޔާ ކަމުގައި އެ ބަޔަކު ގަބޫލު ކުރާތީ ކަމަށެވެ.