މާލޭ ޖަލު އެނެކްސް 1 ގައި މިހާރު ބަންދު ކުރެވޭނީ ގިނަވެގެން 10 ގައިދީން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިދިޔަ އޭޕްރީލް މަހު ބަންދު ކުރި މާލޭ ޖަލުގެ އެނެކްސް 1، މިއަދު ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިމްރާން ވިދާޅުވީ، މާލޭ ޖަލު އެންއެކްސްގެ ހާލަތު ގޯސްވެ އެތަން ބަންދު ކުރި އިރު އެތަނުގައި 17 މީހުން ބަންދުކޮށްގެން އުޅުނު ކަމަށެވެ. ނަމަވެސް މަރާމާތަށް ފަހު ހުޅުވުނު އެނެކްސް 1 ގައި ގިނަވެގެން ބަންދު ކުރެވޭނީ 10 މީހުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ތަނުގެ ހާލަތާއި، ފާހާނާ ކުރުމުގެ އިންތިޒާމަށް ވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިފައި ވާކަން އިމްރާން ފާހަގަ ކުރައްވަމުން ވިދާޅުވީ، ޕްރިޒަންސް އޮފިސަރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވޭ ކަމަށެވެ.

މާލޭ ޖަލުގެ އެނެކްސް 1 މާރާމާތަށްފަހު، ގައިދީން ނިދަން ތިބޭ ތަން / ފޮޓޯ: ދަ ޕްރެސް

ތަނުގެ ހާލަތު ރަނގަޅު ކުރުމަށް ފަހު އިތުރަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން އިމްރާން ވިދާޅުވީ، ކުރިން ހެނދުނު 6 އިން އިރުއޮއްސި 6 އަށް ގައިދީން ގޮޅިތަކުގައި ތިބެން ޖެހުނު ނަމަވެސް އެކަން ބަދަލުކޮށް، ފަތިހު 5 ޖަހާއިރު ބޭރަށް ނެރުމަށް ފަހު ރޭގަނޑު 10 ޖަހާއިރު ގޮޅިތަކަށް ވައްދާގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.

އެނެކްސް 1 އަލުން ހުޅުވުމުން އެތަނުގެ ޕްލޭން ގައިދީންނަށާއި އޮފިސަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައި ވާއިރު، އެ ޕްލޭންގައި ގައިދީންނާ މެދު އަމަލު ކުރެވޭނެ އުސޫލުތަކާއި، ގައިދީން އަމަލު ކުރަންޖެހޭ އުސޫލުތަކުގެ އިތުރުން ޝަކުވާ ހުށަހަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ގާނޫނީ މާއްދާތައް ވެސް ބަޔާންކޮށްފައި ވާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.