ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން ސަބް ކޮމިޓީން ފާސްކޮށްފައި ނުވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން ލަފާ ދީފައި ވަނީ ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓް ދިރާސާކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީން ތައްޔާރުކުރި ރިޕޯޓުގައެވެ.

އެގޮތުން ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އަޅަން ލަފާ ދިނީ އިދިކޮޅު މެންބަރުންގެ އަޣުލަބިއްޔަތު އޮތް ކޮމެޓީއަކުން ކަމަށް މީޑިއާއަކުން ދީފައިވާ މައުލޫމާތު ދޮގު ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓް ދިރާސާ ކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެކުލަވާލި ސަބް ކޮމެޓީގައި އެ ރިޕޯޓަށް ވޯޓަށް އަހާފައި ނުވާ ކަމަށާއި، ފާސްވެސް ނުކުރާ ކަމަށް އާދަމް ޝާރިފް ވިދާޅުވިއެވެ. އަދި އިދިކޮޅު މެންބަރެއްގެ ގޮތުގައި އެކޮމިޓީގައި އިންނަވާނީ އެންމެ މެންބަރެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ ކޮމިޓީގައި މިއަދު އިދިކޮޅު ފިކުރުގެ ދެ މެންބަރުން އިންނެވި އިރު، އޭގެތެރޭގައި ހިމެނެނީ ތ. ގުފައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން ވިދާޅުވީ، މަރު ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓް ހެދި ގޮތަށް 214 ކޮމިޓީން ނެގި ސަބް ކޮމިޓީން ރިޕޯޓް ހަދާފައިވަނީ އެންމެ މެންބަރެއް ކަމަށެވެ. މަރު ކޮމިޝަނުގައި 5 މެންބަރުން ތިބޭ އިރު އެމިޝަންގެ ރިޕޯޓު ނިންމާފައި ވަނީ އެތަނުން 2 މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދެ މެންބަރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ސަލަފް ޖަމިއްޔާއަކީ ހަރުކަށި ފިކުރުގެ ބައެއްކަމަށް ވިދާޅުވެ، ފިޔަވަޅު އަޅަން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ނިންމާފައިވާކަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ސަލަފުން ވަނީ ރައްޔިތުން ދީނީގޮތުން ހޭލުންތެރި ކުރުވުމަށާއި ރާއްޖޭގެ އިސްލާމީ ވެށި ސެކިއުލާ ފިކުރުތަކުން ރައްކާތެރިކުރުމަށް އެ ޖަމިއްޔާއިން ކުރާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކުރާ މަސައްކަތުގެ އަގު ވައްޓާލައި، ކުރަމުންދާ މަސައްކަތް ތަކަށް ހުރަސް އަޅާތީ، އެކަން އެގޮތަށް ނުކުރުމަށް މަރު ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.