ރޭ ހުޅުމާލޭ ގެސްޓް ހައުސެއްގައި ޕާޓީކުރަން ތިއްބާ ހައްޔަރު ކުރި 12 މީހުންގެ ތެރެއިން 9 މީހުންނަށް މުއްދަތު ޖަހައިފިއެވެ.

ރޭ ހުޅުމާލޭން 11 ފިރިހެނުންނާއި އަންހެނަކު ހައްޔަރު ކޮށްފައިވާ އިރު އޭގެތެރޭގައި ހިމެނޭ އަންހެން މީހާއަކީ އުމުރުން 23 އަހަރުގެ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އެވެ. އޭނާގެ ބަންދަށް ވަނީ ހަތަރު ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަސް ފިރިހެނުންގެ ބަންދަށް އަށް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި ތިން ފިރިހެނުންގެ ބަންދަށް ހަތަރު ދުވަހުގެ މުއްދަތު ދީފައި ވާކަމަށެވެ.

އަށް ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވަނީ އުމުރުން 25، 26، 27، 34، އަދި 40 އަހަރުގެ ފަސް ފިރިހެނުންނަށެވެ. އަދި ހަތަރު ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވަނީ އުމުރުން 29، 30 އަދި 39 އަހަރުގެ ތިން ފިރިހެނުންނަށެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އުމުރުން 34 އަހަރާއި 30 އަހަރާއި 27 އަހަރުގެ ތިން ފިރިހެނަކު ވަނީ ޝަރުތުކޮށް ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި މުއްދަތު ޖެހި އެންމެންނަށްވެސް މުއްދަތު ދީފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.

ރޭ މަލް އާއި މި 11 ފިރިހެނުން ރާ ބޮއެ ޕާޓީ ކުރަން ތިއްބާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ހޮޓެލް 78 ނަމަކަށް ކިޔާ ގެސްޓް ހައުސަކުންނެވެ. މަލް އަކީ، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރިފިކް ކުރުމާއި ކެނަބިސް ބޭނުން ކުރުމުގެ މައްސަލައެއްގައި މިހާރުވެސް ދައުވާ ކޮށް ޝަރީއަތް ހިނގަމުންދާ މީހެކެވެ.