މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރަޖިސްޓާ ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީ އިން ބުނީ އެމްއާރްއެމް ރަޖިސްޓާ ކޮށްދޭން ނިންމައި، ޕާޓީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓު ހަވާކުކުރުން މިމަހުގެ 25 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ވަނީ ބާއްވައިފައެވެ. 300 މީހުންނާއެކު ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގައި، ޕާޓީގެ ލޯގޯ ފާސް ކުރުމާއި، އަސާސީ ގަވާއިދު ފާސް ކުރުމުގެ އިތުރުން އިންތިގާލީ މަގާމުތަކަށް މީހުން އައްޔަން ކުރުން އޮތެވެ.

އެރޭގެ ޖަލްސާގައި އެމްއާރުއެމްގެ ލޯގޯ ފާސްކުރިއިރު، އެއިން ފެންނަނީ އެމް އަކުރެއް ސިފަވާގޮތަށް އޮތް ތީރެކެވެ. އަދި އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފައެވެ.

އެޖަލްސާގައި އިންތިގާލީ 5 މަގާމަކަށް މީހުން އިންތިހާބު ކުރިއެވެ. ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫން އެމަގާމަށް ހޮވިވަޑައިގަތީ އެ ޖަލްސާގައި ބައިވެރިވި މީހުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުންނާއި ޒުވާނުންގެ ކައުންސިލްގެ 30 މެންބަރުންނާއި އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުން ވަނީ ހޮވާފައެވެ.

އެމްއާރްއެމް އުފެއްދުމަށް މިދިޔަ ފެބްރުއަރީ މަހު އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމަށް އާ ހުއްދައެއް މިދިޔަ މޭ މަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަނީ ދީފައެވެ.

އެމްއާރްއެމް ރަޖިސްޓްރީ ވާން ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައިއެވެ. އަދި 3000 މެންބަރުން ހަމަވުމުން އެ ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް އީސީން ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ދެވަނަ ދުވަހެވެ.