ސްރީލަންކާގެމިހާރުގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ، މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ރަނީލް ވިކްރަމަސިންހަ މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވަނީ، މިދިޔަ ހޯމަ ދުވަސް ސްރީލަންކާގެ ރިޔާސީ ހުވާ ކުރެއްވި އެ ގައުމުގެ އާ ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް، ވަގުތީ އާ ސަރުކާރެއް އެކުލަވާލެއްވުމުގެ ފުރުސަތު އެރުވުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސްރީލަންކާގައި ކުރިއަށް ގެންދާ އާންމު އިންތިހާބުގެ ވޯޓާ ހަމައަށް، އެގައުމުގައި އެކުލަވާލަންޖެހެނީ ވަގުތީ ވަޒީރުންގެ މަޖިލީހެކެވެ.

ގޮތަބާޔާގެ ވަގުތީ ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނީ 15 މެމްބަރުން ކަމަށް މައުލޫމާތު ލިބެއެވެ. ސިޔާސީ މުރާސިލުން ލަފާކުރާ ގޮތުގައި، އެ ސަރުކާރުގައި ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވާނީ، ސްރީލަންކާގެ ކުރީގެ ރައީސް އަދި ގޮތަބާޔާގެ އަޚު މަހިންދަ ރާޖަޕަކްސައެވެ.

ސްރީލަންކާގެ ވަގުތީ ވަޒީރުންގެ މަޖިލީސް މަގާމުގެ ހުވާ ކުރައްވާނީ މާދަމާގެ ވަގުތެއްގައެވެ. އެއަށްފަހު 2020 ވަނަ އަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ގައުމު ހިންގަމުންދާނީ ވަގުތީ ވަޒީރުންގެ މަޖިލީހުންނެވެ. އެއަށްފަހު ސްރީލަންކާގައި މިހާރު އޮތް ގާނުނު ހަދާ މަޖިލީސް އުވާލާ، އާންމު އިންތިހާބުގެ ވޯޓުލުން އިއުލާން ކުރެވޭނެއެވެ.