އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބަލަމުންދާ މައްސަލާގައި ބަޔާން ދެއްވުމަށް ވަޑައިގެންނެވި ޔޫކްރައިންއާއި ބެހޭ އިސްއޮފިޝަލަށް، ވައިޓްހައުސްއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ސިޔާސީ ވާދަވެރިޔާ ޖޯ ބައިޑްންއާއި އޭނާގެ އާއިލާއާއި ގުޅޭ ތަހުގީގުތަކެއް ހިންގުމަށް ޔޫކްރައިންއާއިއެކު ޓްރަމްޕް މަޝްވަރާކުރެއްވި ކަމަށް ބުނާ މައްސަލާގައި ހެކި ބަސް ދެއްވުމަށް ވަޑައިގެންނެވި ލެފްޓިނެންޓް ކާނަލް އެލެކްޒެންޑާ ވިންޑްމަން ވަނީ، ޓްރަމްޕްގެ ޔޫކްރައިންގެ ކޯލަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކޯލެއް ނޫންކަމަށާ، އެ ކޯލާއެކު އޭނާއަށް ސިހުން ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

އިރާގު ހަނގުރާމާގެ އަސްކަރީ ސަފުގައި ހިދުމަތް ކުރުމަށްފަހު ލެފްޓިނެންޓް ކާނަލް އެލެކްޒެންޑާ ވިންޑްމަން މިހާރު ހިދުމަތް ކުރަމުންދަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލް (އެންއެސްސީ)ގެ އިސް މަގާމެއްގައެވެ.

ޓްރަމްޕް އަޒުލުކުރުމަށް ކުރިއަށްދާ އިންކުއަރީއަށް ހެއްކެއްގެ ގޮތުގައި ލެފްޓިނެންޓް ކާނަލް އެލެކްޒެންޑާ ވިންޑްމަން ބަޔާން ދެއްވަމުން ގެންދެވިއިރު، ވައިޓްހައުސްއިން އޭނާއަށް ހަމަލާދީފައިވަނީ ރަސްމީ ޓްވިޓާ ހެންޑްލްއިންނެވެ. ވަގުތުން ވަގުތަށް ކުރަމުންދިޔަ ޓްވީޓްތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންވެސް އެމެރިކާގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޓްރަމްޕް އަޒުލުކުރުމަށް މިހާރު ކުރިއަށްދާ އިންކުއަރީއަކީ ކުރިއަށް އޮތް 2020 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި 2 ވަނަ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި ޓްރަމްޕް، މަގާމު ކަށަވަރުކުރެއްވުމަށް ނުގަވައިދުން ޔޫކްރައިންގެ ނުފޫޒު ބޭނުންކުރައްވަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައި ކުރިއަށްދާ އިންކުއަރީއަކަށްވާއިރު، މި މަންޒަރުތައް އެމެރިކާއިން ދަނީ ވަގުތުން ޓެލެކާސްޓްވެސް ކުރަމުންނެވެ.

އެމެރިކާގެ ރައީސް ވަނީ ވިންޑްމަންއާއި ގުޅޭ މައުލޫމާތުތަކެއްވެސް އާންމު ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކުރިއަށް އޮތް މަދު ހަފުތާތަކެއްގައި ތެރޭގައި މި އިންކުއަރީ ނިންމާލައިރު ނަތީޖާ ނިކުންނަ ގޮތަކުން، ޓްރަމްޕް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް އޭނާއާއި ދެކޮޅަށް ނިމުންވެސް އެކަށީގެންވެއެވެ.