އަވަސް އިންތިހާބެއް ބޭއްވުމަކީ ސަރުކާރުކާރަށް ހުރަސްއެޅޭ ކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ގަރާރާ ގުޅުގެން ޝަރީފް ވިދާޅުވީ އަވަސް އިންތިހާބު ބޭއްވުމާއި ބަޣާވާތް ކުރުމަކީ ތަރައްގިއަށް ހުރަސްއެޅޭނެ ކަމެއް ކަމަށާއި ސިޔާސީ ކޯޅުން އިތުރަށް ބޮޑުވުމުގެ އިތުރުން، ސުލްހަ މަސްލަސްކަން ގެއްލޭނެ ކަމެއް ކަމަށައި މަސައްކަތް ކުރަންވީ ސަރުކާރުގެ ދުވެލި ހަރުކޮށް، ކޮރަޕްޝަން މަދުކޮށް، ޖުޑިޝަރީ ހައިޖެކް ނުކޮށް ހަރުދަނާ ކުރަން ކަމަށެވެ.

އިއްޔެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ 2018 ވަނަ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސްކަމުގެ މަގާމަށް އިންތިހާބުވީވެސް ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ވާދަކުރެވޭ މިނިވަން ރިޔާސީ އިންތިހާބެއް ވީހާވެސް އަވަހަށް ބޭއްވުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެށުމަށް ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ. މަޖިލީހަށް މި ގަރާރު ހުށަހެޅުއްވި ނަމަވެސް މަޖިލީހުގައި ތާވަލެއް ނުކުރެއެވެ.

ޖާބިރަކީ މަޖިލީހުގައި ކުރާ ބަހުސްތަކުގައި ވާހަކަ ދެއްކެވުމުގައި ފާހަގަކޮށްލެވޭ މެންބަރެކެވެ. އެގޮތުން އިއްޔެގެ މަޖިލީހުގައި ޖަމިއްޔާތަކުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވެފައި ވަނީ ރާއްޖޭގައި އިސްލާމިކް މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށާއި ދީނީ ޖަމިއްޔާ ސަލަފް ވެސް ހިންގަން ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. އަދި ހަމަ އެހެންމެ އެން ނަގަން ޑައިވް ކުރާ މަސްވެރިން ޑިކޯވާ މައްސަލައާ ގުޅިގެން އިއްޔެގެ މަޖިލީހަށް ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވާ އެ މައްސަލައަށް ބަހުސް ކުރައްވާ ވަނީ ސިފައިން ނިކުމެ ހުރިހާ މިޔަރުތައް މަރާލަން ޖެހޭކަމަށް ވިދާޅުވެފައެވެ.