ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިން ތަކެއް އަފްއާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުގައި އައިސިސްއާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައި ވާގޮތުގައި، އެ ގައުމުުން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 243 ހަނގުރާމަވެރިން ހައްޔަރު ކުރެވިފައިވާ ކަމަށެވެ. ހައްޔަރުކުރެވުނު ހަނގުރާމަވެރިންގެ އިތުރަށް ހަނގުރާމަވެރިންނަށް މަދަދުވެރިވާ މީހުންނާއި އެމީހުންގެ އާއިލާތަކުގެ 600 މީހުން ވަނީ މި ސަރަހައްދުން އަމާން ދީފައެވެ. އަދި އޭގެތެރޭގައި ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް އޭގެތެރެއިން ރާއްޖެއަށް ނިސްބަތްވަނީ ކިތައް ހަނގުރާމަވެރިންނެއް ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. މި އޮޕަރޭޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ޕާކިސްތާން، ތަޖިކިސްތާން، އަޒަރްބައިޖާން، އުޒްބަކިސްތާން، އިރާން އަދި ކަޒަކިސްތާނަށް ނިސްބަތްވާ މީހުންވެސް ހިމެނެ އެވެ. ހައްޔަރުކުރި ހުރިހާ ހަނގުރާމަވެރިންވެސް ނިސްބަތްވަނީ އައިސިސްއަށް ތާއިދު ކުރާ އިސްލާމިކް ސްޓޭޓް އޮފް ހުރަސާން އޭ ކިޔާ ޖަމާއަތަކަށެވެ.

މި އޮޕަރޭޝަނަކީ އަފްއާނިސްތާނުގައި މި ގުރޫޕު ހަރަކާތްތެރިވާން ފެށިފަހުން އެގައުމުގެސިފައިންނަށް އެ ގުރޫޕުގެ މައްޗަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީކަމަށް އެގައުމުގެ ރައީސް އަޝްރަފްގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ. އަފްއާނިސްތާނަކީ މީގެ ކުރިންވެސް ބައެއް ދިވެހިން ހަނގުރާމައަށް ދާ ޤައުމެކެވެ.