މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގައި ސާފު އަގުލަބިއްޔަތުން ކުރި ހޯއްދެވި ކުރީގެ ދިފާއީ ވަޒީރު ގޮތަބާޔާ ރާޖަޕަކްސަ، ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.

ގައުމީ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދެއްވާނަކަމަށް ކެމްޕޭންތަކުގައި ވިދާޅުވަމުން ގެންދެވި ގޮތަބާޔާއަކީ، އަސްކަރީ ބެކްރައުންޑަކުން ސްރީލަންކާގެ ރިޔާސަތަށް ވަޑައިގެންނެވި ފުރަތަމަ ޝަހްސެވެ.

ސްރީލަންކާގެ އުތުރު-މެދުތެރޭ ހިސާބުގައި އޮންނަ ގަދީމީ ޒަމާނުގެ ބުދިސްޓު ފައްޅިއެއްގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ގޮތަބާޔާއަށް ހުވާލާދެއްވީ ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖާޔަސޫރިޔާއެވެ.

ރައީސްކަމުގެ 5 އަހަރުގެ ދައުރެއް ކަށަވަރުކުރައްވާ، ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ގޮތަބާޔާ ވަނީ، އެންމެ އިސް ސަމާލުކަމެއް ދެއްވާނީ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށް ކަމަށާ، ހާރިޖީ ސިޔާސަތަކީ ވަކި ފަރާތަކަށް ބުރަ ނުވާ، "ނިއުޓްރަލް" ސިޔާސަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ ރައީސްކަމާ ގޮތަބާޔާއަށް ހަވާލުވެވަޑައިގަންނަވަންޖެހިފައިވާ މިދަނޑިވަޅަކީ، އެއް ލޭ ހިނގާ އަޚު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުއްސުރެ ފެށިގެން، ސްރީލަންކާގެ ފެއިބި ސަރުކާރަށް ވާރުކުރި ބޮޑު ދަރަނީގެ ޒިންމާ، އެގައުމުގެ ސަރުކާރަށް އުފުލަންޖެހިފައިވާ ދަނޑިވަޅެކެވެ. ހަމައެހެންމެ، މިއަހަރުގެ އޭޕްރިލް މަހު ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެގައުމުގައި ދީނީ ބައިބައިވުންތައް އުފެދިފައިވާ ދަނޑިވަޅެއްވެސްމެއެވެ.

16 ވަނަ ދުވަހުގެ ރިޔާސީ އިންތިހާބުގައި ގޮތަބާޔާއާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ ސްރީލަންކާގެ ފެއިބި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ސަޖީތު ޕްރޭމަދާސައެވެ. ޕްރޭމަދާސަގެ މައްޗަށް ގޮތަބާޔާ ކުރި ހޯއްދެވީ، އިންތިހާބު ވޯޓުދިން މީހުންގެ 52.25 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.