ކްލެފްޓް ޕެލެޓްއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަ ގަންނެ އުފެދި، ބޮޑުވަމުން އަންނައިރު ދިމާވާ މައްސަލައެއްގެ ސަބަބުން އެ ދަރިފުޅުގެ މަތީ ތުންފަތާ ތަލިން ބައެއް އެންމެ ފުރިހަމަ ނުހެދި، ނޭފަތާ ދިމާލަށް ހުސްކޮށް ހުންނަ އައިބެކެވެ. ބައެއް ފަހަރުން ތުންފަތުގައި ނުޖެހިވެސް މި ހުސްކަން ހުރެއެވެ.

ކްލެފްޓް ޕެލެޓަކީ ކޯއްޗެއްކަން، އުމުރުން އެންމެ 9 އަހަރުގެ އެބިގޭލް މުއީންއަށް އެނގުނީ އޭނާ ބެލި އިސްތިހާރަކާ ގުޅިގެން ފެންކަޅިވި ހިސާބުން، ހިތުގައި އުފެދުނު ސުވާލަތަކަކަށް ހޯދި ޖަވާބުތަކަކުންނެވެ.

ކްލެފްޓް ޕެލެޓްގެ އައިބު ހުންނަ ކުދިންގެ ސާޖަރީއަށް ބޭނުންވާ ފައިސާ އެއްކުރަން އަމިއްލައަށް މަސައްކަތް ފަށާފައިވާ އެބިގޭލް މުއީން/ފޮޓޯ: ސީބީއެސްއެން

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ސްކޫލެއްގެ 4 ވަނަ ގުރޭޑްގައި ތައުލީމު ހާސިލުކުރަމުން އަންނަ އެބިގޭލްއަށް މި އިސްތިހާރު ފެނުމާއެކު އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މި އިސްތިހާރަކީ މޫނުމަތީގެ އެކި އައިބުތަކާއެކު އުފަންވެފައިވާ ކުދިން ދިރިއުޅުމަށް ކަޑައްތު ކުރާ ހުރަސްތަކާ، ކުރިމަތިލާ ގޮންޖެހުންތައް ވަރަށް ތަފްސީލުކޮށްދޭ އިސްތިހާރެކެވެ. ކްލެފްޓް ޕެލެޓްގެ އައިބު ހުންނަ ކުދިން ކާންބޯން އުޅެންޖެހޭ ގޮތާ، ހީނލުމަށް އެކުދިން ކުރާ ބުރަ މަސައްކަތް މި އިސްތިހާރުން ދައްކާދެއެވެ.

އެބިގޭލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވި އިސްތިހާރަކީ، ކްލެފްޓް ޕެލެޓް ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ މިޝަންއެއް ކަމަށްވާ އޮޕަރޭޝަން ސްމައިލްގެ އިސްތިހާރެކެވެ. އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އޮޕަރޭޝަން ސްމައިލްއާއި އެބިގޭލް ގުޅިއެވެ. އަދި ކްލެފްޓް ޕެލެޓް ހުންނަ ކުދިން ސާޖަރީ ހެދުމަށް ހިނގާ ހަރަދުތައް އޮޅުން ފިލުވިއެވެ.

ކްލެފްޓް ޕެލެޓްގެ އައިބު ހުންނަ ކުދިންގެ ސާޖަރީއަށް ބޭނުންވާ ފައިސާ އެއްކުރަން އަމިއްލައަށް މަސައްކަތް ފަށާފައިވާ އެބިގޭލް މުއީން މެޝީނަށް ހުސްފުޅި އަޅަނީ/ފޮޓޯ: ސީއެންއެން

އޮޕަރޭޝަން ސްމައިލް އިން ބުނި ގޮތުގައި ކްލެފްޓް ޕެލެޓް ހުންނަ ކޮންމެ ކުއްޖެއްގެ އޮޕަރޭޝަނަށް ހަރަދުވަނީ 240 ޑޮލަރެވެ. މިކަންވީ އެބިގޭލްއަށް ލިބުނު އިތުރު ހިތްވަރަކަށެވެ. އެއީ އެއްކުރަން މާ ބޮޑު އަދަދެއް ނޫންކަމަށް އެބިގޭލް ގަބޫލުކުރިއެވެ.

ކްލެފްޓް ޕެލެޓް ހުންނަ ކުދިންގެ ސާޖަރީއަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރަނީ އެބިގޭލް އަމިއްލައަށެވެ. އޭނާ މިކަން ކުރަނީ، ހުސްފުޅި އެއްކޮށްގެންނެވެ. އެކި ގޭގެއިން އުކާލާ ހުސްފުޅި އެއްކޮށްގެން، ހުސްފުޅީގެ ބަދަލުގައި ނަގުދު ފައިސާ ލިބޭ ގޮތަށް އެމެރިކާގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ މެޝިންތަކަށް މި ފުޅިތައް ލައެވެ. އެލިބޭ ފައިސާ ދެނީ އޮޕަރޭޝަން ސްމައިލްއަށެވެ.

އެބިގޭލްގެ ބައްޕަ އެރިކް މުއީން ކިޔައިދިން ގޮތުގައި އޭނާ މިހާރު ވަނީ 7000 އެއްހާ ފުޅި ނަގުދު ފައިސާއަށް ބަދަލުކޮށްފައެވެ. ކޮންމެ ފުޅިއަކަށް 5 ސެންޓް ލިބޭއިރު، މިއީ ގާތްގަނޑަކަށް 1 ކުއްޖެއްގެ ސާޖަރީ ހަދާހާ ފައިސާއެވެ. އެރިކް ބުނި ގޮތުގައި ކޮންމެ ހަފުތާއަކު 1 ފަހަރު ފައިސާއަށް ފުޅި ބަދަލުކުރާ މެޝިން ކައިރިއަށް އެބިގޭލްދެއެވެ. މިމެޝަނަކީ ބިއްލޫރި ފުޅިއާއި ޕްލާސްޓިކް ފުޅިވެސް ބަލައިގަންނަ މެޝިނެކެވެ.

އެބިގޭލްގެ މަސައްކަތް ފެނި، އޭނާގެ އަވަށްޓެރިންނާ ރަހުމަތްތެރިންވެސް ދަނީ މިމަސައްކަތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމީހުންވެސް ގަވައިދުން ހުސްފުޅި ފޯރުކޮށްދެއެވެ.

މިމަސައްކަތުން އެބިގޭލްގެ ހިތުގައި އިތުރު ކަމެއްވެސް ހިނގަން ފަށައިފއެވެ. އެބިގޭލްގެ މިހާރުގެ އަޒުމަކީ ކިޔަވާ މޮޅުވެގެން ޑޮކްޓަރަކަށްވުމެވެ.

މިކަމަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ކުރެވިދާނެ ކަމެކެވެ. އުކާލާ ކުނިބުނީގެ މައްސަލައަކީ ބޮޑު މައްސަލައަކަށްވާއިރު، އެކި ހިސާބުތަކުގައި މިފަދަ މެޝިންތައް ބަހައްޓައިފިނަމަ އެބިގޭލް ފަދައިން ފަރުދީ ޒިންމާ އުފުލާ ކުޑަކުދިންވެސް މަދު ނުވާނެކަން ޔަގީނެވެ.